އައްޑޫސިޓީން އިތުރުން 250 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިއަދު އާންމު ކުރި މިމަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 27 ވަނަ 107 މީހުން އަދި 28 ވަނަ ދުވަހު 143 މީހުން ކޮވިޑަށް ވަނީ ފައްސިވެފައެވެ. މިއާއެކު މިދެދުވަހު އައްޑޫސިޓީން 250 މީހަކު ވަނި ކޮވިޑަށް ފައްސިވެފައެވެ.
މީގެ ތެރެއިން މިމަހުގެ 27 ވަނަ ދުވަހު ފައްސިވި 107 މީހުންނަކީ އެދުވަހު ޓެސްޓު ކުރި 240 ސާމްޕަލުން ފައްސިވި މީހުންނެވެ.
އަދި 28 ވަނަ ދުވަހު ފައްސިވި 143 މީހުންނަކީ އެދުވަހު ޓެސްޓްކުރި 316 ސާމްޕަލުން ފައްސިވި މީހުންނެވެ.
އިއްޔެ ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ހިތަދުން 94 މީހަކާއި، މަރަދުން 9 މީހުން ، މަރަދޫފޭދޫން 10 މީހުން ، ފޭދުން 20 މީހުން ހުޅުދުން 4 މީހުން އަދި މީދުން 6 މީހުންނެވެ.
އައްޑޫސިޓީން މިހާތަނަށް ކޮވިޑަށް ފައްސިވި 4579 މީހުންގެ ތެރެއިން 3745 މީހުން ވަނީ ބަލިން ރަގަޅުވެފައެވެ. މިއާ އެކު އައްޑޫސިޓީގައި މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 819 އެވެ.
އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ތިބީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މިވަގުތު މި ބަލި ޖެހިފައި ތިބި 374 މީހަކު ތިބިއިރު، މީދޫގައި 107 ، ފޭދޫގައި 148 ، މަރަދޫފޭދޫގައި 39 ، ހުޅުދޫގައި 69 އަދި މަރަދޫގައި 63 މީހަކު އެބަ ތިއްބެވެ. އަދި މީގެ އިތުރަށް ރިސޯޓާއި އެހެނިހެންތަންތަނުން ފައްސިވެފައިވަނީ 04 މީހެކެވެ.
އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 4 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އައްޑޫސިޓީން 15 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.
އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް ވަރަށްބޮޑަށް އިތުރުވެ ސާމްޕަލް ނެގުމުގައި ދަތިތަކާ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވުމާއެކު ގޭގެއަށްގޮސް ސާމްޕަލް ނެގުން އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން މިހާރު ވަނީ ހުއްޓާލާފައެވެ.
އައްޑޫ އެކްއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ގޭގެއަށް ގޮސް ސާމްޕަލް ނެގުން ހުއްޓާލުމަށްފަހު މިހާރު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އެހޮސްޕިޓަލުން ކަނޑައަޅާފައިވާތަންތަނަށް ގޮސްގެންނެވެ.