ކޮވިޑް19: ތިނަދޫގެ މިސްކިތެއްގައި މިއަދު ހުކުރު ނުކުރާނެ- ތިނަދޫ ކައުންސިލް

advertisement

ގދ.ތިނަދޫގެ މުދިމުންތަކެއް ކޮވިޑް-19 އާއި ގުޅިގެން އެކަހެރި ކުރަން ޖެހުމުން އެރަށުގެ މިސްކިތެއްގައި މިއަދު  ހުކުރު ނަމާދު ނުކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

ތިނަދޫ ކައުންސިލުން މިކަން ހާމަކޮށް  ކުރި އިއުލާނެއްގައި ވަނީ ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވެ ގިނަ މުދިމުންތަކެއް އެކަހެރި ކުރަން ޖެހިފައި ވާތީ މިއަދު ( 28 ޖެނުއަރީ 2022 ވާ ހުކުދުވަހު)  “މަޖިދުލް މަރްޔަމް” ގައި ހުކުރު ނަމާދު ނުކުރާނެ ކަމަށެވެ.

ނަމަވެސް ތިނަދޫގެ އެހެން މިސްކިތްތަކުގައި ކުރިއެކޭ އެއްގޮތައް  މިއަދު  ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް ތިނަދޫގެ ކައުންސިލް އިދާރާގެ އިއުލާނުގައި ބުނެފައިވެއެވެ.

ތިނަދޫ އަކީ  އަތޮޅުތެރެއިން މިހާރު ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއްރަށެވެ. އެގޮތުން އިއްޔެ ތިނަދޫން 73 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އިއްޔެ ތެނަދުން ކޮވިޑް ޖެހުނު 73 މީހުންނާއެކު އެރަށުގައި ކޮވިޑް ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު 294 އަށް ވަނީ އަރާފައެވެ.

ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އެރަށް ވަނީ މޮނިޓަރިން އަށް ވެސް ގެނެސްފައެވެ. އަދި ރޭގަނޑު 21:00 އިން ފެށިގެން ފަތިހު 04:00 އަށް ރަށުގައި ކާފިއު ހިންގަން ވެސް ވަނީ ނިންމާފައެވެ.

މަސްދަރު: ވަގުތު

advertisement
Next: ހިރިމަރަދޫ ގޮނޑުދޮށުގައި ދުވަސްވީ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ