އައްޑޫސިޓީން އިތުރު 105 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ
އައްޑޫން އިތުރު 105 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އާދީއްތަ ދުވަހުގެ ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ 105 މީހުންގެ ތެރެއިން 56 މީހަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ. 22 މީހަކު މީދޫން ފައްސިވެފައިވާއިރު، ހުޅުދޫން 6 މީހަކު ، ފޭދުން 8 މީހުން މަރަދޫފޭދުން 5 އަދި މަރަދޫންވެސް ފައްސިވެފައިވަނީ 5 މީހެކެވެ.
އައްޑޫން މިހާތަނަށް 4005 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އޭގެ ތެރެއިން 3214 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު މި ބަލި ޖެހިފައި ތިބި 776 މީހަކު އައްޑޫ ސިޓީގައި އެބަ ތިއްބެވެ.
އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ތިބީ ހިތަދޫގައެވެ. އެގޮތުން ހިތަދޫގައި މިވަގުތު މި ބަލި ޖެހިފައި ތިބި 331 މީހަކު ތިބިއިރު، މީދޫގައި 133 ، ފޭދޫގައި 164 ، މަރަދޫފޭދޫގައި 31 ، ހުޅުދޫގައި 61 އަދި މަރަދޫގައި 34 މީހަކު އެބަ ތިއްބެވެ. އަދި މީގެ އިތުރަށް ރިސޯޓާއި އެހެނިހެންތަންތަނުން ފައްސިވެފައިވާ 19 މީހުން އެބަތިއްބެވެ.
އައްޑޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އައްޑޫސިޓީން 15 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.