މީދޫއާއި ހުޅުދޫގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 134 އަކަށް އަރައިފި އެވެ.
މީދޫއާއި ހުޅުދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 134 އަށް އަރާފައިވާއިރު ބުދަދުވަހު މީދޫއާއި ހުޅުދުން އަލަށް ބައްޔަށް ޕޮޒިޓިވްވީ 18 މީހުންނެވެ. އެއީ މީދުން 12 މީހަކާއި ހުޅުދުން 6 މީހުންނެވެ.
ކޮވިޑް ކޭސްތައް ހުޅުދޫއާއި މީދޫގައި އިތުރުވަމުންދާއިރު މީދޫގައި ޕޮޒިޓިވް މީހުން ތިބި 39 ގެއެއް ވަނީ ކަރަންޓީން ކުރެވިފައެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މީހުންތިބި 6 ގައެއްވެސް ވަނީ ކަރަންޓީނު ކުރެވިފައެވެ.
ހުޅުދޫގައި ޕޮޒިޓިވްމީހުންތިބި 20 ގެއެއް ކަރަންޓީން ކުރެވިފައިވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މީހުންތިބި 3 ގައެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.
އައްޑޫ އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ބުދަދުވަހު ހާމަކޮށްފައިވާގޮތުގައި މީދޫގައި ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 91 މީހުން އެބަތިއްބެވެ. އަދި ހުޅުދޫގައި ތިބީ 43 މީހުންނެވެ.
ހުޅުދޫއާއި މީދޫން ނަގަމުންދާ ގިނަ ސާމްޕަލްތައް ޕޮޒިޓިވްވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި މުވައްސަސާތަކުންދަނީ އިލްތިމާސްކުރަމުންނެވެ. އެހެންނަމަވެސް ކޮވިޑާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ ބައެއް ގޭގޭގައި ދިރިއުޅޭ ބައެއް މީހުން ކަރަންޓީނު ކުރެވިފައިވާ އުސޫލާއި ޚިލާފަށް ރަށުތެރޭގައި އުޅެމުންދާތަން ފެންނަމުންދާކަން ފާހަގަކޮށްލަންޖެހެއެވެ.