އިތުރު 07 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑުގެ ހާލަތު ގޯސްވެ، އިތުރު 07 ރަށެއް މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކަކީ ނ.ކުޑަފަރި، ނ.ވެލިދޫ، ރ.އަލިފުށި، ފ.ބިލެތްދޫ، ދ.މާއެނބޫދޫ، ގއ.މާމެންދޫ، ގދ.ފަރެސްމާތޮޑާއެވެ.

މި ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސް، އަރައިފޭބުން މަނާކޮށްފައިވަނީ ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށެވެ.

މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮންނަތާ މިހާރު އެންމެ ގިނަ ދުވަސްވެފައިވަނީ އައްޑޫ ސިޓީގެ ރަށްތަކެވެ. އެ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައީ އޮގަސްޓު 28 ގައެވެ.

އަތޮޅުތަކުގެ ރަށްރަށުގެ ކޮވިޑުގެ ހާލަތު ގޯސްވެފައިވާއިރު، އައްޑޫ ސިޓީން އިއްޔެ ވަނީ 51 މީހަކު ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި އަތޮޅުތަކުގެ ރަށްރަށުން އިއްޔެ 141 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ކޮވިޑާއި ގުޅިގެން މިއަދު އިތުރު 07 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، މި ވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ޖުމްލަ ޢަދަދަކީ 31 އެވެ.

Next: ހަކުރު ބަލީގެ ދުވަހާ ގުޅިގެން ފުވައްމުލަކުގައި އެސްޓީއޯގެ ގިނަ ހަރަކާތްތަކެއް