މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒު: ނަޝީދު

ރާއްޖޭގެ މަސައްކަތްތެރިންނަށް އަބަދުވެސް ކަންކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އަމާޒު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސައްކަތްތެރިންނަށް ދެވޭނެ “އެންމެ ކުޑަ އުޖޫރަ” ހޯމަދުވަހު ކަނޑައެޅުމުން އެކަމަށް މަރުހަބާ ދަންނަވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ހިމެނިފައިވާ އަދި “އެޖެންޑާ19” ގައި ވެސް ބުނެފައިވާ އެންމެ ކުޑަ އުޖޫރަ ކަނޑައެޅިއްޖެ ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރާއި މަޖިލީހަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރާއްޖޭގައި އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދެވެނީ 4،500 ރުފިޔާ ކަމަށް ހޯމަދުވަހު ވަނީ ކަނޑައަޅައިފައެވެ. ރާއްޖޭގެ އެކި ސިނާއަތްތަކުގެ ބޭފުޅުންނާއި ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގައި އަލަށް ކަނޑައެޅި މިނިމަމް ވޭޖާއެކު، ރިސޯޓު މުވައްޒަފުންގެ އަސާސީ އުޖޫރަ 12،000 އަށް ބުރެ ބޮޑުވާނެ ކަމަށެވެ.

ވިޔަފާރިތަކާއި ދާއިރާތަކަށް ކަނޑައަޅާފައިވާ އުޖޫރަ:

– ކުދި ވިޔަފާރިތަކަށް މަހަކު: 4،500 ރުފިޔާ

– މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު: 7،000 ރުފިޔާ

– ބޮޑެތި ވިޔަފާރިތަކަށް، މަހަކު: 8،000 ރުފިޔާ

– ސިވިލްސާވަންޓުންނަށް މަހަކު: 7000 ރުފިޔާ

އެންމެ ކުޑަ އުޖޫރައާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ކުރެވިފައި ވަނީ މަސައްކަތްތެރީންނާއި ވަޒީފާ ދޭ ފަރާތްތައް ތަމްސީލުކުރާ މެންބަރުންގެ އެތަކެއް މަޝްވަރާއާ ހުށަހެޅުންތަކެއްގެ މައްޗަށް ބިނާކޮށް، ހުރިހާ ފަރާތެއްގެވެސް ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެވިގެން ކަމަށެވެ. އަދި ސަރަޙައްދީ އަދި ކުދި ޖަޒީރާ ގައުމުތަކުގެ ވޭޖްތަކާއި އަޅާ ކިޔާއިރު ރާއްޖޭގައި ކަނޑައަޅާފައި ވަނީ ނިސްބަތުން ތަނަވަސް ވޭޖެއް ކަމަށެވެ.

މަސްދަރު: ހަތާވީސް އޮންލައިން

Next: ބީއެމްއެލްގެ ސްޓާފް ޗެރިޓީ ރަން ބާއްވައިފި