ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހުޅުދޫއާއި މީދުއަށް ޒިޔާރަތްކުރައްވައިފިއެވެ.
ނައިބު ރައީސު ހުޅުދުއާއި މީދުއަށް ކުރެއްވި ޒިޔާރަތުގައި މެދު ބަނދަރުން މަރުހަބާ ދެންނެވީ މީދޫދާއިރާގެ ކައުންސިލަރު ސޯލިހާއާއި ހުޅުދޫ ދާއިރާގެ ކައުންސިލަރު ފައިޒްގެ އިތުރަށް ހުޅުދޫއާއި މީދޫގައި ހިމެނޭ ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރީންނެވެ.
ނައިބު ރައީސް ހުޅުދޫއާއި މީދުއަށް ކުރެއްވި މިޒިޔާރަތުގައި ފުރަތަމަ ވަޑައިގެންނެވީ ހުޅުދޫގައި އިމާރާތްކުރަމުންދާ ޑިޓޮކް ސެންޓަރު ބައްލަވާލެއްވުމަށެވެ. ޑިޓޮކް ސެންޓަރު ބައްލަވާ ލެއްވުމަށްފަހު އެމަނިކުފާނު ދެން ވަޑައިގެންނެވީ ސިއްހީމަރުކަޒަށެވެ.
ސިއްހީމަރުކަޒަށް ވަޑައިގެން އެތަން ބައްލަވާލެއްވުމަށްފަހު އެތަނުގެ މުވައްޒަފުންނާއި ބައްދަލުކޮށް އެތަނުގެ ކަންތައްތައް އޮޅުން ފިލުއްވިއެވެ. މިބައްދަލުވުމުގައި ސިއްހީމަރުކަޒުގެ މުވައްޒަފުންވަނީ އެތަނުގައިދިމާވެފައިވާ އެންމެހާ ދަތިތަކާއި އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ނައިބު ރައިސާއި ހިއްސާކޮށްފައެވެ.
ނައިބު ރައީސް ހުޅުދޫއާއި މީދުއަށް ކުރެއްވި މިޒިޔާރަތުގައި ނައިބު ރައިސާއެކު މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމްއާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ އިތުރަށް ފޭދޫދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު އާއި ކިބިދޫދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޝިޒުވެސް ވަޑައިގެންނެވިއެވެ.