އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް

އައްޑޫގައި ޔޮޓް މެރީނާ އަކާއި ކުރޫޒް ޓާމިނަލެއް އެޅުމަށް ނިންމާފައި ވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ

އައްޑޫ ޓޫރިޒަމްގެ މުސްތަގުބަލާ ބެހޭ ގޮތުން ކުލަބްހައުސްގައި ބޭއްވި ޕެނެލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫގައި ކްރޫޒް ޓާމިނަލެއް އެޅުމަށްޓަކާ ކައުންސިލުން ބިމާއި ސަރަހައްދު ހަމަޖައްސާފައިވާ ކަމަށާއި ކްރޫޒް ޓާމިނަލެއް އެޅުމަށް ހުޅުވާލަން މިހާރު ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ޓާމިނަލް އެޅުމަށް ނިންމާފައިވާ ސަރަހައްދަކީ ގާތްގަނޑަކަށް ލައްކަ އަކަށްވުރެ ބޮޑު އަކަފޫޓުގެ ސަރަހައްދެއް ކަމަށާއި މި ޕްރޮޖެކްޓުގެ ދަށުން ޔޮޓް މެރީނާއެއް ވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ނިޒާރު ވިދާޅުވީ، މިހާރުވެސް ތިން ހަތަރު ފަރާތަކުން ވަނީ މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށާއި، އެގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުންދާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވަނީ ހިތަދޫ ”ފެހެލަ ކިޅި“ ސަރަހައްދު ތަރައްގީ ކުރުމަށް ހުޅުވާލުމަށް ވެސް ނިންމައިފައެވެ.

Next: ގިނަ ހަރަކާތްތަކާއެކު އިސްރަށްވެހިންގެ ދުވަސް އެޗްޑީސީން ކުލަގަދަކޮށް ފާހަގަކުރަނީ