ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އެތެރޭގައި އޮންނަ އެންމެ ބޮޑު އެއް އިންތިހާބު ކަމަށްވާ ގައުމީ މަޖިލިސް އިންތިހާބުގައި މަގާމުން ސަސްޕެންޑު ކޮށްފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވާދަ ކުރެވޭނެ ކަމަށް އެޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައި ވަނީ އެޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ އިސްތިއުނާފު ފަނޑިޔާރުން މަޖިލީހުގެ ނިންމުން އެތައް ފަހަރު ވިދާޅުވެވިއްޖެ ކަމަށާއި ނަމަވެސް މަހްލޫފަށް ވާދަ ކުރެވެންވީ ސަބަބެއް އެއްގޮތަކަށްވެސް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
ހަސަން ވިދާޅުވީ މަހްލޫފުގެ މައްސަލައާ ގުޅިގެން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމާއެކު އިންތިހާބު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ މިހާތަނަށް އެ ނިންމުން ބަދަލުކޮށްފައި ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑު ހަ ފަހަރު ކިޔައިފިން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުން، އަޅުގަނޑަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ އަދި ނުވެސް ވިސްނޭ، އޭގައި އެ ވިދާޅުވާ ސަބަބެއް، ކީއްވެގެން ކަމެއް ވާދަކުރެވެންވީ އެ ބޭފުޅުންނަށް،”
ހަސަން ވިދާޅުވިއެވެ.
މަހްލޫފު އަދި އަކްރަމަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އެބޭފުޅުން ވަނީ އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުއްވީ ދައުރު ހަމަވެފައިވާ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަކަށެވެ. އޭރު އެ މަޖިލީހުން ނިންމީ އެ ދެބޭފުޅުންނަށް ވާދަ ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް ދާދިފަހުން އައު އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހެއް ވަނީ އިންތިހާބު ކޮށްފައެވެ. އަލަށް އިންތިހާބުކުރި އެ މަޖިލީހުން ވަނީ އެ މައްސަލަ އަލުން ބެލުމަށް ނިންމައިފައެވެ. އަދި އެ ދެ ބޭފުޅުންނަށް ވެސް ވާދަ ކުރެވޭނެ ކަމަށް ނިންމިއެވެ.