“ރެހެންދި އެވޯޑު” ލިބުނު ސ.މީދޫ އަހުމީމާ ލުޠުފީ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މިމަހުގެ 6 ވަނަ ދުވަހުގެރޭ ބޭއްވުނު ރެހެންދި އޯވޯޑް ނައިޓްގައި އެވޯޑް ލިބުނު ސ.މީދޫ މީނާޒް އަހުމީމާ ލުޠުފީއެވެ.

ސ.މީދޫ މީނާޒް އަހުމީމާ ލުޠުފީއަކީ ފޭދޫ ސްކޫލްގެ ލީޑިންގ ޓީޗަރެއްގެ މަގާމާއި މެތްސް ޑިޕާޓްމެންޓްގެ އިސްވެރިއެއްގެ ގޮތުން ކުދީންގެ ހަރަކާތް ގާތުން ބައްލަވާ ކާމިޔާބަށް ވާސިލްވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ މުދައްރިސެކެވެ.

އެހެންކަމާއެކު ކިޔާދެއްވުމަށް ގެންގުޅުއްވާ ހުނަރާއި ހީވާގި މަސައްކަތުން ފޭދޫ ސްކޫލްގެ އައްޑިހައިންސައްތަ ދަރިވަރުން ފާސްވެގެން ދިއުމަށް މަގުފަހިވެގެންގޮސްފައިވެއެވެ.

މީގެ އިތުރަށް ބީޓެކް ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ބީޓެކް ސްޓީމަށް ޝައުގުވެރިކަން އިތުރުކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުތައްރާވާ ދަރިވަރުންނަށް ފުރުސަތުތައް ހޯއްދަވައިދެއްވަމުން ގެންގޮސްފައިވެއެވެ.

ކޮވިޑް19 ގެ ހާލަތުގައި ފޭދޫ ސްކޫލްގެ ގިނަ ޓީޗަރުން އޮންލައިން ޓީޗިންގއަށް ތަމްރީނުދެއްވާ މިހާރުގެ ޓެކްނޮލެޖީ ބޭނުންކޮށްގެން ކިޔަވައިދެއްވުމަށް ހިތްވަރު ދެއްވުމުގެ އިތުރަށް ރާއްޖޭގެ ކީސްޓޭޖް 4 ގެ ގްރޭޑް 10 ގެ ހިސާބު މާއްދާގެ ހުރިހާ ލެސަންތައް އަހުމީމާވަނީ ކޯޑިނޭޓްކޮށްދެއްވާފައެވެ.

އަދި ކޮވިޑް 19 ގެ ތެރޭގައި ހިސާބު މާއްދާ ކިޔަވައިދިނުމަށް 1400 އަށްވުރެ ގިނަ ކުދީންނާއެކު ކޮމިއުނިޓީ ވައިބަރ ގްރޫޕެއްގައި ހިލޭ ސާބަހަށް ކިޔަވައިދެއްވާ ދަރިވަރުންގެ ނަފްސާނީ ދުޅަހެއުކަމަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ބޭނުމުގައި “ހެޕީއަވާސް”ގެ ނަމުގައި ގްރޫޕެއް ހިންގާފައިވެއެވެ.

އަހުމީމާ މިހާރުދަނީ މެލޭޝިޔާގެ މެނޭޖްމެންޓް އެންޑް ސައިންސް ޔުނިވަރސިޓީން ޕީއެޗްޑީއަށް ތައުލީމު ހާސިލް ކުރައްވަމުންނެވެ.

ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދެމުން ގެންދާ ޚާއްޞަ އެވޯޑެކެވެ.

advisement

Next: ޝާހިދު އާއްމު މަޖިލީހުގެ ރިޔާސަތާއި މިރޭ ހަވާލުވަނީ