ސިޔާމްގެ މައްސަލަ ފުލުހަށް

advertisement

ރަށްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ‘ދަންޖައްސަންޖެހޭ’ ކަމަށް، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ވިދާޅުވުމާއި ގުޅިގެން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ހިސާން އަކީ ދަންޖައްސަން ޖެހޭ މީހެއް ކަމަށާއި، އޭނާ މަރާލިޔަސް ފާފަވެރި ނުވާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ތިއްބެވި ތަނެއްގައި ސިޔާމް ވާހަކަ ދައްކަވާފައިވާކަން ހިސާން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.

އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފަރާތުން އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ފާހަގަކުރައްވަމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ސިޔާމްގެ މައްސަލަ ބަލައި ދިނުމަށް އެދި، ޑިފެންސް މިނިސްޓްރީއަށާއި، ފުލުހުންނަށް ހުށަހަޅާފައިވާއިރު، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށްވެސް އެ މައްސަލަ ބަލައިދިނުމަށް އެދި ފޮނުވާފައިވާކަމަށް އަފީފް ވަނީ ވިދާޅުވެފައެވެ.

ސިޔާމް މިހެން ވިދާޅުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ބައްދަލުވުމަށްފަހު އެ ކޮމިޓީއިން ނުކުންނަވައި ބޭރުގައި ތިއްބެވި މެންބަރުންނާ ވާހަކަ ދައްކަވަމުންނެވެ.

މެންބަރު ހިސާން ދަންޖެއްސަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވާ އޯޑިއޯވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. އެ އޯޑިއޯގައި ސިޔާމް ވިދާޅުވެފައިވަނީ ހިސާން ދަންޖައްސަންޖެހޭ ކަމަށާއި، އެކަން ކޮށްގެން ފާފަވެރިވެސް ނުވާނެ ކަމަށެވެ.

Next: ދިވެހި ކުޅިވަރުގެ ހިދުމަތްތެރިޔާ މާދިހު އިސްމާއީލް ނިޔާވެއްޖެ