މީދޫގައި ބާއްވަމުން އައި ޔޫތުޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗްގެ ކުޅުން މިއަދު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވޭނެއެވެ.
މިމެޗްގައި ބައްދަލުކުރާނީ މިމުބާރާތުގެ ގްރޫޕް ބީގައި ހިމެނުނު ދެޓީމް ކަމުގައިވާ އަމީގޯސްއާއި އެތުލެޓިކް އެފްސީއެވެ. މިދެޓީމް ގްރޫޕް ސްޓޭޖްގައި ބައްދަލުކުރިމެޗް 12 ލަނޑު 3 ލަނޑުގެ ބޮޑުތަފާތަކުން ކާމިޔާބުކުރީ އަމީގޯސްއެވެ.
އަމީގޯސްޓީމު ގްރޫޕް ސްޓޭޖްގައި ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓް ހޯދައިގެން ސެމީފައިނަލަށް ހޮވުނު އިރު ސެމީފައިނަލްގައި އެޓީމާއި ވާދަކުރީ ގްރޫޕްއޭގެ ދެވަނަޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވުނު އެފްސީ ބަސްޕާކެވެ. އެފްސީ ބަސްޕާކާއި އަމީގޯސް ސެމިފައިނަލްގައި ބައްދަލުކުރިމެޗް 9 ލަނޑު 3 ލަނޑުގެ ބޮޑުތަފާތަކުން ކާމިޔާބުކޮށް އެޓީމް ފައިނަލަށް ހޮވުނީ މިމުބާރާތުގައި ކުޅުނު ހުރިހާމެޗަކުން މޮޅުވުމުގެ ރެކޯޑާއެކުގައެވެ.
އަމީގޯސްއާއި ފައިނަލްގައި ބައްދަލުކުރާ އެތުލެޓިކް އެފްސީއަށް ބަލާއިރު އެޓީމް ސެމީފައިނަލަށް ހޮވުނީ ގްރޫޕް ސްޓޭޖްގެ ފަހުމެޗްގައި އެފްސީ ކިއުންކަންބާއާއި ބައްދަލުކުރިމެޗުން ކާމިޔާބުކޮށްގެންނެވެ. ގްރޫޕް ސްޓޭޖްގެ ފަހުމެޗަށް އެތުލެޓިކް އެފްސީ ނިކުތް އިރު އެޓީމަށް މޮޅުވެގެން ނޫން ގޮތަކަށް ސެމީފައިނަލަށް ދެވެންނެތެވެ. އެއީ ގްރޫޕް ސްޓޭޖްގައި އެޓީމް ކުރީން ކުޅުނު ދެމެޗުގެ ތެރެއިން 1 މެޗުން ދެރަވެ އެއްމެޗުން އެއްވަރުވެފައިވާތީ އެންމެ ޕޮއިންޓެއް ލިބިފައިވުމުންނެވެ. އެހެންކަމުން މޮޅުވާން މަޖުބޫރު ވެފައިވާ މިމެޗު 6 ލަނޑު 2 ލަނޑުން ކާމިޔާބުކޮށް އެޓީމް ސެމީފައިނަލަށް ހޮވުނެވެ.
އެތުލެޓިކް އެފްސީ 4 ޕޮއިންޓާއެކު ގްރޫޕްބީގެ 2 ވަނަ ޓީމްގެ ގޮތުގައި ސެމީފަނަލަށް ހޮވުމުން އެޓީމް ސެމީފައިނަލްގައި ބައްދަލުކޮށްފައިވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ހޮވުނު އެފްސީ ކްލަސްޓާއެވެ.
އެތުލެޓިކް އެފްސީ ފައިނަލަށް ހޮވިފައިވަނީ އެފްސީ ކްލަސްޓާއާއި ސެމީފައިނަލްގައި ބައްދަލުކުރިމެޗް 4 ލަނޑު 2 ލަނޑުން ކާމިޔާބުކޮށްގެނެވެ.
މީދޫ ޒުވާނުން އިންތިޒާމްކޮށްގެން ޔޫތުޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގެ ނަމުގައި ކުރިއަށް ގެންދިޔަ މިމުބާރާތުގައި 7 ޓީމަކުން ބައިވެރިވިއެވެ.
މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންގޮސްފައިފައިވަނީ މި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެޓީމް ސެމީފައިނަލަށް ހޮވޭގޮތަށެވެ. އަދި ސެމީފައިނަލްގެ މެޗްތައް ކުރިއަށް ގެންގޮސްފައިވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމާއި ގްރޫޕްބީގެ ދެވަނަ ޓީމްބައްދަލުކުރާ ގޮތަށެވެ. އަދި ގްރޫޕްގެ އޭގެ 2 ވަނަ ޓީމާއި ގްރޫޕް އޭގެ އެއްވަނަ ޓީމް ބައްދަލުކުރާގޮތަށެވެ.