މި ހަފްތާތެރޭގައި 500 މީހަކަށް ކޯވިޑް-19 ޖެހުނުއިރު އޭގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓަރއަކާއި ގުޅުމެއްނެތް މީހުންކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުޞްތަފާ ވިދާޅުވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުޞްތަފާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަސްވަރާއި އަޅާބަލާއިރު، މިހާރު ބަލި ފެތުރޭ މިންވަރު ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައިވާކަމަށާއި، ބަލި ފެތުރޭ ހަލުވިމިންވެސް އަވަސްވެފައިވާކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖެއިން މި ބަލި ފުރަތަމަ ފެނުނު ދުވަސްކަމަށްވާ 7 މާރޗުން ފެށިގެން 500 ކޭސް ހަމަވާން ފުރަތަމަ ނެގީ 56 ދުވަސްކަމަށެވެ. އަދި ފުރަބަންދުގެ ފިޔަވަޅުތަކާއެކު ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުނު ކަމަށެވެ. ނަމަވެސް ފުރަބަންދުގެ ފިޔަވަޅުތަކަށް ޖުލައި 1 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމާއެކު އަނެއްކާވެސް ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
އެގޮތުން ޖުލައިމަހުގެ ކުރީކޮޅު 500 ކޭސް ހަމަވާން 14 ދުވަސްނެގިއިރު، މިމަހުގެ 21 އިން ފެށިގެން 500 ކޭސް ހަމަވާން ނެގީ އެންމެ 7 ދުވަސްކަމަށާއި، މިކަމުންވެސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި ފެތުރޭ ހަލުވި މިންވަރު ވަޒަންކޮށްލެވޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
500 ކޭސް ހަމަވާން ނެގި މުއްދަތު:
– 7 މާރިޗު – 2 މެއި : 56 ދުވަސް
– 2 މެއި – 15 މެއި : 13 ދުވަސް
– 15 މެއި – 28 މެއި : 13 ދުވަސް
– 28 މެއި – 12 ޖޫން : 15 ދުވަސް
– 12 ޖޫން – 7 ޖުލައި : 25 ދުވަސް
– 7 ޖުލައި – 21 ޖުލައި : 14 ދުވަސް
– 21 ޖުލައި – 28 ޖުލައި : 7 ދުވަސް
އެޗް.އީ.އޯ.ސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މެއި މަހާ އަޅާބަލާއިރު، ޖުލައި މަހުގެ މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން ނިސްބަތްވާ ކްލަސްޓަރތައްވެސް އިތުރުވެފައިވާކަމަށެވެ. އަދި އެއްވެސް ކްލަސްޓަރއަކާއި ގުޅުމެއްނެތް ކޭސްތައްވެސް އިންތިހާއަށް އިތުރުވެފައިވާކަމަށާއި، ޖުލައިމަހުގެ 28 އާއި ހަމައަށް އަލަށް ފެނުނު ކްލަސްޓަރތަކުން 47.3 އިންސައްތައިގެ އިތުރުވުމެއް ފެނިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޕޮޒިޓިވް ކޭސްތައް ނިސްބަތްވާ ކްލަސްޓަރތައް :
– މެއި – 40
– ޖޫން – 78
– ޖުލައި 148
އެއްވެސް ކްލަސްޓަރއަކާއި ގުޅުން ނެތް ކޭސްތައް:
– މެއި – 90
– ޖޫން – 104
– ޖުލައި – 272
ޑރ. ނަޒްލާ މުޞްތަފާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވާ މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓަރއަކާއި ގުޅުމެއްނެތް މީހުންގެ އަދަދުވެސް މެއި މަހާ އަޅާބަލާއިރު ފާއިތުވި ހަފްތާގެ ތެރޭގައި އިތުރުވެފައިވާކަމަށެވެ. އެގޮތުން މެއިމަހުގެ ތެރޭގައި އެއްވެސް ކްލަސްޓާއަކާ ގުޅުމެއްނެތް ކޭސްތައް ފެންނަ ނިސްބަތް 6 އިންސައްތައިގައި ހުރިއިރު، ޖުލައިމަހުގެ 28 ވަނަ ދުވަހާއި ހިސާބަށް އެ ނިސްބަތް 42 އިންސައްތައަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޯވިޑް-19 ޖެހޭ މީހުންގެ ކޮންޓެކްޓް ޓްރޭސިންގއިން ފާހަގަކުރެވޭ ކަންކަމަށް އިޝާރަތް ކުރައްވަމުން ޑރ. ނަޒްލާ މުޞްތަފާ ވިދާޅުވީ، ޖުލައިމަހުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރޭގައި ގިނައީ އޮފީސް މާޙައުލުން ބައްދަލުވި މީހުންނާއި، ހެލްތް ކެއަރ ފެސިލިޓީތަކާއި ކެފޭ ރެސްޓޯރެންޓްތަކުން ބައްދަލުވި މީހުންކަމަށެވެ. އަދި ޖުލައިމަހުގެ ތަފާސް ހިސާބުތަކަށްބަލާ ކުރިއަށް އޮތް އޯގަސްޓްމަހު ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުން މުހިއްމުކަމަށާއި، ނޫންނަމަ ރާއްޖޭގެ ޞިއްޙީ ނިޒާމަށް ނުކަތާވަރަށް ބަލިފެތުރޭ މިންވަރު އިތުރުވެ، ރާއްޖޭގެ ޙާލަތު އިތުރަށް ގޯސްވުމުގެ ބިރު ބޮޑުކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މަސްދަރު: ޕީއެސްއެމް ނިއުސް