މާދަމާ މީދޫގައި ކުރެވޭ ކޭތަނަމާދު ކުރެވޭނީ މަސްޖިދުލް އިބްރާހިމް މަޖުދުއްދީންގައި – އިމާމުވެ ނަމާދު ކުރައްވާނީ ކަރީމް

މާދަމާ ހެނދުނު ހިފާ އިރުކޭތައާ ގުޅިގެން، މިސްކިތްތަކުގައި ޖަމާއަތުގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. މިގޮތުން މީދޫގައި ކުރެވޭ ކޭތަ ނަމާދު އޮންނާނީ މާދަމާ ހެދުނު 10:30 ގައި މަސްޖިދުލް އިބްރާހިމް މަޖުދުއްދީން މިސްކިތުގައެވެ . މަސްޖިދުލް އިބްރާހިމް މަޖުދުއްދީން މިސްކިތުގައި ކުރެވޭ ކޭތަނަމާދު އިމާމުވެ ކުރެއްވުމަށް ހަމަޖެހިގައިވަނީ މުހައްމު އަބްދުލް ކަރީމެވެ.

ރާއްޖެ އަށް މި ކޭތަ ހިފަން ފަށާނީ ހެނދުނު 9:31 ގަ އެވެ. އެންމެ ބޮޑަށް ހިފާފައި ހުންނާނީ، 10:51 ގަ އެވެ. ކޭތަ މުޅިން ވީއްލާނީ، މެންދުރު 12:14 ގަ އެވެ. މި ކޭތަ ރާއްޖެ އަށް ފެންނާނީ، ފަޅި ކޭތައެއްގެ ގޮތުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ ހެނދުނު 10:30 ގައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރާނެ ކަމަށެވެ. އަދި ކޭތަ ނަމާދަށް ފަހު ހާއްސަ ހުތުބާއެއް ކިޔާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އިރުކޭތަ ހިފަނީ ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުން ދާއިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، އިރުގެ އައްޔަށް ހުރަސް އެޅުމުންނެވެ.

ކޭތަ އެންމެ ސާފުކޮށް ފެންނާނީ އެކްސްރޭ ޝީޓު ފަދަ ހުރަހެއް ބޭނުންކޮށްގެންނެވެ.

މާދަމާ ހެނދުނު 10:30 ގައި މީދޫ މަސްޖިދުލް އިބްރާހިމް މަޖުދުއްދީން މިސްކިތުގައި ކުރެވޭ ކޭތަ ނަމާދުގައި ވީހާވެސް ގިނަ ފަރާތްތަަކުން ބައިވެރިވެދެއްވުމަކީ މީދޫ ކައުންސިލް އިދާރާގެ ވަރަށްބޮޑު އެދުމެކެވެ .

Next: އައްޑޫ ސިޓީން ދުވާލަކު ކޮވިޑަށް 100 ޓެސްޓް ހެދޭނެ ޤާބިލުކަން އިތުރުކުރަނީ