އައްޑޫ ސިޓީން ދުވާލަކު ކޮވިޑަށް 100 ޓެސްޓް ހެދޭނެ ޤާބިލުކަން އިތުރުކުރަނީ

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންވާ ޕީސީއާރް މެޝިން އައްޑޫ ސިޓީއަށް ލިބުމާއިއެކު އެސިޓީގައި ދުވާލަކު 100 ޓެސްޓު ހެދުމުގެ ގާބިލުކަން އިތުރުވެގެން ދާނެކަމަށް އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއް ސާދާތު ވިދާޅުވެއްޖެވެ.

ޝަރަފުއް ސާދާތުއާއި ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި  މާލެއިން އައްޑޫ ހޮސްޕިޓަލަށް ޕީސީއާރް މެޝިނެއް ލިބިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެ މެޝިނާއި ގުޅޭ އެއްޗެހި އެސެމްބަލް ކުރުމުގެ މަސައްކަތް ކަމަށެވެ.

އައްޑޫ ސިޓީ ހޮސްޕިޓަލުން މިހާރު ދުވާލަކު 24 ސާމްޕަލް ކޮވިޑަށް ޓެސްޓު ކުރެވޭއިރު، އައްޑޫ ހޮސްޕިޓަލުގައި  މިހާރު ކޮވިޑަށް ޓެސްޓު ކުރުން ކުރިއަށްގެންދަނީ ބަޔޯ ފަޔަރ މެޝިނެއް މެދުވެރިކޮށެވެ.

އައްޑޫސިޓީން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މާލެއިން އެސިޓީއަށް ދިޔަ މީހުންގެ ތެރެއިން އައްޑޫ އީކުއެޓަރ ވިލެޖްގެ ކަރަންޓީން ފެސިލިޓީގައި ހުރި މީހެކެވެ. އައްޑޫން ޕޮޒިޓިވް ވި އެ މީހާއަކީ ރަށްރަށުގައި މީހުން ކަރަންޓީނު ކުރަން ފެށުމާއިއެކު އެ ސިޓީއަށް ފުރަތަމަ ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެމީހާ ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

އައްޑޫސިޓީގެ ކަރަންޓީނު ފެސިލިޓީއެއްގައި ހުރި މިމީހާ ކޮވިޑަށް ޕޮޒިޓިވްވިތާ 2 ދުވަސްތެރޭ އައްޑޫސިޓީން ކޯވިޑަށް ޓެސްޓު ކުރެވޭގޮތް ހަމަޖެހިފައިވާކަން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

މިގޮތުން މިމަހުގެ 14 ވަނަ ދުވަހު އެ ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލަށް ޕީސީއާރް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓް ކިޓުތައް ލިބިފައި ވާކަމަށާއި ކޮވިޑް-19 ވައިރަސް ހުރިތޯ ދެނެގަތުމަށް ހަދާ ޕީސީއާރު ޓެސްޓް އެ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ ކުރީން އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީ އެމައްސަލަ މަޖިލީހަށްވެސް ހުށަހަޅާފައިވެއެވެ.  އެއާއި އެކު އައްޑޫ އަށް ނިސްބަތްވާ މަޖިލިސް މެންބަރުން ނާއި އައްޑޫ ސިޓީ ކައުންސިލުން ވަނީ އެސިޓީގައި ކޮވިޑަށްޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. އައްޑޫ އަކީ މާލެފިޔަވާ އެންމެގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސިޓީއެވެ.

ރާއްޖެއިން މިހާތަނަށް 2,187 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 1،788 މީހުން ރަނގަޅުވެ، 8 މީހަކު ވަނީ މަރުވެފައެވެ. މިވަގުތު ފަރުވާގައި ތިބީ 389 މީހުންނެވެ.

ކޯވިޑަށް މިހާތަނަށް 40،848 މީހުން ޓެސްޓްކޮށްފައިވާއިރު މި ވަގުތު އައިސޮލޭޝަންގައި ތިބީ 294 މީހުންނެވެ. ކަރަންޓީންގައި ތިބީ 151 މީހުނެވެ

Next: ކޯވިޑް19 – މީދޫއާއި ހުޅުދޫން 18 ސާމްޕަލް ނަގައިފި