ލޮކްޑައުންއަށް ލުއި ދިނީ އަލުން ލޮކްޑައުން އަށް ދާން ނުޖެހޭނެ ކަމަށް ވިސްނައިގެނެއް ނޫން- އަމީން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ގްރޭޓަރ މާލެ ސަރަހައްދު ގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއިތަކެއް ދިނީ، އަލުން ފުލް ލޮކްޑައުނަކަށް ދާން ނުޖެހޭނެ ކަމަށް ވިސްނުން ބަހައްޓައިގެން ނޫން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ލޮކްޑައުން އަށް ދިން ލުއިތައް އިއުލާން ކުރެއްވުމަށް ބުދަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު ވިދާޅުވީ، ލުއި ދިނުމުގެ މާނައަކީ ރާއްޖެއިން ކޮވިޑް-19 ނެތިގެން ދިޔުން ނޫން ކަމަށާއި، ބަލީގެ ނުރައްކާވެސް އަދިވެސް އެބައޮތް ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި، ބައްޔާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދިފައިވަނީ، އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ނަމަވެސް ބަލި އިތުރުވަމުންދާ ނިސްބަތުން ދެން އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅާނެ ކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު މިއޮތް ހާލަތަށް ބަދަލެއް އައިސްފިނަމަ އިތުރު ލޮކްޑައުން އަކަށް ދާން ޖެހިއްޖެ ހިނދެއްގައި އެކަންވެސް ކުރައްވާނެ ކަމަށެވެ.

ކުރިއަށް ދުވަސްތަކަކީ ގޮންޖެހުން ބޮޑު ދުވަސްތަކަކަށް ވުން އެކަށީގެންވާ ދުވަސްތަކެއްގެ ގޮތުގައި ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މަސައްކަތް ކުރަނީ އެފަދަ ދުވަސްތަކެއް ނާންނާނެ ކަމަކަށް ބަލައިގެން ނޫން ކަމަށެވެ.

ލުއި ދިނުމުގެ ސަބަބުން ބަލި ފެތުރުން ހުއްޓުނީ ކަމަކަށް ބަލައިގެން ނުވާނެ ކަމަށް ވިދާޅުވެ، އަމީން ވަނީ ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައި އެވެ.

Next: ކަރަންޓް ބިލް ފޯނަށް ފޮނުވުމަށް ސްޓެލްކޯއިން ނިންމައިފި