ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކުރުމަށްފަހު، ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ތަކެއް ދޭން ފަށާފައިވާއިރު ފުރަތަމަ ދެ ހަފްތާ ބޭންކުތައް ހުޅުވާލާނީ ހަފްތާއަކު ތިން ދުވަހު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮވިޑް-19 ޓާސްކް ފޯހުން ބުދަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމުގެ ތަފްސީލު ދެއްވަމުން ޑރ ނަޒްލާ ރަފީގު ވިދާޅުވީ މަސައްކަތްކުރާ ސްޓާފުން ދެ ދުވަހުން އެއް ދުވަހު ނިކުންނަ ގޮތަށް ނުވަތަ ވަކިވަކި ޝިފްޓްތަކަށް ނިކުންނަ ގޮތަށް އެކަން ހަމަޖެއްސިދާނެ ކަމަށެވެ. ނަމަވެސް ޝިފްޓަށް ނިކުންނަ ސްޓާފުން އަނެއް ޝިފްޓުގެ ސްޓާފުންނާ ވީހާވެސް ދިމާނުވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
މީގެއިތުރުން ކަސްޓަމަރުން ވަނުމުގެ ކުރިން އެމީހުންގެ ޓެމްޕަރޭޗަރ އަދި އަލާމާތްތައް ހުރިތޯ ޗެކްކުރަންވާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. ވީވަރަކުން އޮންލައިންކޮށް އަދިވެސް ބޭންކިންގ ކަންތައް ކުރިޔަށް ގެންދިޔުމަށް ޑރ ނަޒްލާ އެދިވަޑައިގެންނެވި އެވެ.
ޑރ ނަޒްލާ ވިދާޅުވީ މާސްކު އެޅުމާއި ސާފުތާހިރު ކަމާއި ޑިސްއިންފެކްޓް ކުރުމާއި އަތް ސާފުކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އޮންނަންވާނެ ކަމަށެވެ. އަދި ދެ ހަފްތާ ފަހުން ހަފްތާއަކު ފަސް ދުވަހަށް ބޭންކުތައް ހުޅުވާލަން ފުރުސަތު ދިން ނަމަވެސް އަމަލުކުރަން ޖެހޭ ގޮތްތައް ބަދަލުނުވާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.