މާރިޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުޅި ރާއްޖެ މި އޮތީ ފުރަބަންދުކޮށްފައެވެ. ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައެވެ. ކޮވިޑް19 އަށް އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ މީހުން މަދުކުރުމަށެވެ.މި އަށްވުރެބޮޑަށް “ވެންޓިލޭޓަރަށް” ލާންވާ ބަލި މީހުން މަދުކުރުމުގެ ބޭނުމުގައެވެ.އެއްކަލަ ގުދު ވީހާވެސް އަވަހަކަށް ދެތުކޮށް ޢާންމު ޙާލަތަށް ރުޖޫޢަވެ އިގްތިޞާދު އަވަހަށް ހިންގުމަށް މަގުފަހި ކުރުމުގެ ބޭނުމުގައެވެ.ނޫންނަމަ އަމިއްލަ ވަންތަކަމާއި، ޤައުމީ ވަހުދަތު ގެއްލި، ބަސްބުނުމުގެ އަމިއްލަ ބާރު ކެނޑިދޭނެތީއެވެ. މިދަނޑިވަޅު ބަލަބަލައި ވަރަށް ހެޔޮއެދޭ ގާތުގައި ހުރި ބޮޑުބޭބެއަަކު ހުރީމަޔާއެކުވެސްމެއެވެ.

ދައުލަތުގެ މާލީވަޒީރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިޞާދު އޮތީ “ވެންޓިލޭޓަރު” ގައި ކަމަށެވެ. ހައިރާންވާންޖެހޭ އަނެއްކަމަކީ އެމަނިކުފާނު ނިސްބަތްވާ ވެރިކަން ހިންގާ ޕާޓީގެ މަޖިލިސް މެންބަރަކު ބުނެފައިވަނީ ރާއްޖޭގެ އިގްތިޞާދު “ވެންޓިލޭޓަރު” ގައި އޮތްކަމެއް މަޖިލީހަކަށް ނޭގޭކަމަށެވެ.ފަހަރުގައި އެ މެންބަރަށް ނޭގެނީކަމަށް ވެދާނެއެވެ. ނުވަތަ ބަނބުކެޔޮގަސް ޖަހަންވީ ކިހާވަރަކަށްތޯ ހިސާބު ކުރައްވަން އިންނެވީ ކަމަށްވެސް ވެދާނެއެވެ.

ރާއްޖޭގެ “ރަންބިސް އަޅާ ކުކުޅަށް” ސާޅީހަކަށް އަހަރު ފަހުން މިވަނީ “ކޮރޯނާ ވައިރަސް” ނުވަތަ ކޮވިޑް-19 ޖެހި އިންޓެންސިވް ކެރއާއަށް ލާންޖެހިފައެވެ. ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާޠަބު ކުރައްވައި ވިދާޅުވީ ” މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ. ކުރިއަރާ މިންވަރު ހުންނާނެ ކަމަށް ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި އެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ޢަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް މިހާރު އަންދާޒާ ކުރެވެއެވެ.” އަދި މިދުވަހުގެ ވާހަކަ ފުޅުގައި މިހެންވެސް ވިދާޅުވިއެވެ. ” އޭގެ އިތުރުން ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދިނުމަށާއި ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ރާއްޖެއަށް ފޮނުވުމަށް އިންޑިޔާގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.” މާނައަކީ ކޮންމެވެސް ތަރައްޤީގެ މަޝްރޫޢުތަކެއް ހުއްޓަން ޖެހުމާއި ޚަރަދު ކުޑަކުރަން ޖެހެނޭނެކަމާއި އަދި އެހީތެރިކަން ބޭނުންވާކަމެވެ. މި ބުނި ޑޮކްޓަރުންގެ ޓީމު ރާއްޖެ އައިސް ކުރިކަމެއް އެގޭ މީހަރު ހުރިކަމެއް އަޅުގަނޑަކަށް ބުނާކަށް ނޭގެއެވެ.

އިގްތިޞާދީ ޙާލަތު ކިތަންމެ ދަށަސް މިވަގުތައް ރާއްޖެއަށް ބޭނުންވާނެ ކަމަށް ލަފާކުރާ 290 މިލިއަން ޑޮލަރު ކަށަވަރު ކުރައްވާފައިވާ ކަމަށް މާލީވަޒީރުވަނީ ދާދިފަހުން މީޑިއާގައި ވިދާޅުވެފައެވެ.

އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ދެތިން ކަމެއް އެބައޮތެވެ. ރާއްޖޭގެ އިގްތިޞާދު “ރިސެޓް”  ކުރާއިރު އަދި އަލަށް ކަންކަން ތަރުތީބު ކުރާއިރު ސަރުކާރުން ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ދެކަމެއް ފާހަގަކޮށްލުމެވެ. ރިސިޓް މި މާނަކުރީ މި ކިޔާ “ނިއު ނޯމަލް” ގައި ކަން އޮންނަންވާނެ ގޮތަށެވެ.

ފުރަތަމަ ކަމަކީ އައްޑުއަތޮޅުގެ ގަމުގެ ވައިގެ ބަދަަރަށް “ޓްރެފިކް” އިތުރު ކުރެވޭގޮތްތަށް ހޯދުމެވެ. މިއީ މިހާތަނަށް އައި އިރުވެސް އެއްވެސް ސަރުކާރަކަށް ހޯދައި ނުދެވި އޮތް ހައްލެކެވެ. ރާއްޖެއަށް ބިދޭސީ ޓުއަރިސްޓުން އަންނަ އެއްމަގަކީ “ޓްރާންސިޓް ފްލައިޓް” ތަކުންނެވެ. މީގެތެރޭގައި ޤަޠަރުގެ ދޯހާއިން، އެކުވެރި ޢަރަބި ޢިމާރާތުގެ ދުބާއީ، ތުރުކީ ވިލާތް، ސިންގަޕޫރު އަދި ކޮޅުބު މަގުން އަންނަމީހުން ހިމެނެއެވެ. ބޭނުމަކީ އަގުހެޔޮކޮށް ޓިކެޓް ހޯދުމެވެ. ސިދާ ރާއްޖެއަށް އަން ފްލައިޓްތައް ވެސް އެބަހުރިމެއެވެ.

ގަމުގެ އެއަރޕޯޓް ޓްރެފިކް އިތުރުކުރުމަށް މިވަގުތު އޮތް ފުރުސަތަކީ ކޮޅުބުގެ އުދުހޭ ބޯޓެެވެ. ފުރަ ބަންދު ކުރުމާއި ހަމައަށް އެ ބޯޓުން ކޮންމެވެސް ވަރަކަށް ގަމަށް ދަތުރު ކުރިއެވެ. އަދި ކާގޯވެސް އެކަށީގެން ވާވަރަކަށް ގެނެއެވެ.

ކަންވާންވީ މިހެންނެވެ. ރާއްޖޭގެ ދެކުނުގެ ރިސޯޓްތަކަށް އަންނަ ފަތުރުވެރިން މިހާރުން ފެށިގެން “ބުކިންތައް” ހައްދަންވީ ސީދާ ގަމުން އެމީހުން ބޭނުންވާ ރިސޯޓަށް ދާގޮތަށެވެ. މާލޭގެ ކާރު ބާރު ބޮޑު އެއަރޕޯޓު ބޭނުންކުރުމުގެ މާނައެއް ނެތެވެ.އޭރުން ވީހާވެސް މި ބުނާ “ގަޔާއި ދުރުކޮށް” ތިބެން ފުރުސަތު ލިބި، ހައްޓަށް ވެސް ލުޔެއް ލިބޭނެއެވެ. އަދި އައްޑޫގައި ހުރި ސީޕްލޭން އުދުހުމުގެ ބަނދަރުގެ މަސައްކަތް ފެށޭނެއެވެ. މިއާއިއެކު ދެކުނުގެެ އިގްތިޞާދަށް ނުސީދާކޮށް “ޑޮލަރު” ވަންނަށް ފަށައި އިގްތިޞާދު ހިގައި ގަންނާނެއެވެ. މިކަމުގައި އައިލެންޑް އޭވިއޭޝަނުގެ ކަރުގައި ކައްޓެއް ޖެހެންޏާއީ އެތަނަށް “ސީޕްލޭން” ދުއްވުމުގެ ހުއްދަ ކަނޑައެޅޭ ވަކި  މުއްދަތަކަށް ދޭށެވެ. އަދި ގަން އެއަރޕޯޓުން ދެކުނު ސަރަޙައްދުގެ އެހެނިހެން އެއަރޕޯޓުތަކަށް “ޝަޓްލް” ފްލައިޓް ބާއްވައި އަހަރެމެން ހައްދާ ގޮވާން ކޮޅާއި ކޮފޮރާ ކޮޅު އަދި ނާރޯވައް ފަދުލަ ފޯރުކޮށްދޭށެވެ. މިއީ ރާއްޖޭގެ ޓްއަރިޒަމް ސިނާޢަތުގެ “ސްޓޭކް ހޮލްޑަރުންނާއި” މަޝްވަރާކޮށް ސަރުކާރަށް ނިންމެންވާނެކަމެކެވެ. އަދި މިހާރު އަލުން ރާއްޖެ ޢާންމު ޙަލަތަށް ގެނައުމަށް  ސަރުކާރަށް ލަފާދިނުމަށް އެއްކޮށްފައިވާ ޓާސްކް ފޯހުގެ “ބުލޫ ޕްރިންޓް” ގައި މިކަން މިގޮތަށް ލިޔެ ޢަމަލު ކުރަންވާގޮތް އޮންނަންވާނެއެވެ.

ދެވަނަކަމަކީ ރާއްޖޭގެ ޓްރެވަލް އޭޖެންޓުންނަށް ރިސޯޓްތަކުން އަގުހެޔޮކޮށް ކޮޓަރި ނުދޭ މައްސަލަ ހުއްޓުވައި އެކަން ބަދަލުކުރުމެވެ. އަދި އަލުން “ރިސެޓް” ކުރާއިރުވެސް ރާއްޖެއިން ބޭރުގެ އޭޖެންޓުން ޓްރެވަލް އެޖެންސީ ޚިދުމަތް ދޭން ފަށާނަމަ ރާއްޖޭގެ ޓްރެވަލް އެޖެންސީއެއް މެދުވެރި ނުކޮށް އެކަން  ނުކުރެވޭގޮތަށް ހެދުމެވެ. މިއާއި އެކު “އޮންލައިން ޓްރެވަލް އޭޖެންޓުން” މިސާލަކަށް ބުކިން ޑޮޓްކޮމް ފަދަ ތަންތަނުން ހެސްކިޔާފަ ފައިދާ ނަގާއިރު ރާއްޖޭ ބެއިތުލްމާލަށް ޓެކުހުގެ ގޮތުގައި އެންމެ ޑޮލަރެއްވެސް ނުދޭ މައްސަލަ ހައްލުކުރުމެވެ. މިއީ ސަރުކާރުގެ އަނގައިގައި ދަތް ހުރިއްޔާ ނުކުރެވޭންވީ ކަންކަމެއް ނޫނެވެ. ސަރުކާރުގައި ތިބި ޒުވާން “ޕޮލިސީ މޭކަރުން” ލިޔެ ފޮނުވާލާ އެންމެ “ޕޮލިސީ” އަކުން މިކަން ހިގައި ގަންނަންވާނެއެވެ. މި ފަދަ “ޕޮލިސީއެއް” ލިޔަން މޭކަރާ ކަމަށްވަންޏާ އިގްތިޞާދު މިނިވަން ކުރަން ދެއްކި “މަހުޖަނުންގެ” ވާހަކައާއި “ހޮޓްބާ” ގެ ވާހަކަތައް މީހުންެ ޢަރުޝީފަށް ލާފައި އެބަހުއްޓެވެ. މޭކަރާ ކަމަށްވަންޏާ ރައްޔިތުންގެ ޓެންސް ފައިސާ އިން ބޮޑު މުސާރަ ނުނަގައި “ޕީ.އާރު” ފާމުތަކަށް މަސައްކަތް ކުރުން ރަގަޅުވާނެއެވެ.

އެންމެ ފަހުކަމެއްގެ ގޮތުގައި ފާހަގަކޮށްލާން ބޭނުންވަނީ މިކަމެވެ. އައްޑުއަތޮޅުގައި ހުރި މަސްވެރިކަމާއި ގުޅުން ހުރި އިންފްރާ ސްޓްރަކްޗަރތަކެއް ބޭނުންކޮށްގެން އައްޑުއަތޮޅުގައި ބޮޑު ކަންނެލި އެކްސްޕޯޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. މިއީ ވެސް މާބޮޑު މަސައްކަތަކާއި ނުލައި ކުރެވެން އޮތްކަމެކެވެ. ކަސްޓަމްސް، ޕޯރޓްސް އޮތޯރިޓީ އަދި މިނޫނަސް ކަމާއި ގުޅޭ ހުރިހާ އިދާރާތަކެއް ޤާއިމުވެފައި އެހެރީއެވެ. ކުރަން ބޭނުންވާ ކަމަކީ މިފްކޯއިން ބޮޑު ކަންނެލި ގަންނަ ކަން ޢިއުލާނުކޮށް މިދެންނެވި “އިންފްރާސްޓަކްޗަރތައް” ކަންނެލި ބަންދުކުރުމުގެ އިންތިޒާމުތައް ހަމަޖައްސަންވީއެވެ. އަދި ވަކި ހިސާބަކުން ޕްރައިވެޓް ސެކްޓަރގެ ދައުރު މިކަމުގައި ފުޅާކުރުމަށް މަސައްކަތް ކުރަންވީއެވެ. މިހެން މިދެންނެވީ މިސަރުކަރަކީ “ވިޔަފާރި ކުރަން” ބޭނުންވާ ސަރުކާރެއް ނޫންކަމަށް ވާތީއެވެ. އެހެނަސް މިހާރު މިދިމާވެފައިވާ ޤައުމީ މައްސަލާގައި ސަރުކާރުން ވިޔަފާރި ކުރާ ކުންފުނިތައް ހުރުމުން ލިބޭ ފަސޭހައާއި ހިތްހަމަޖެހުން “ޕޮލިސީ މޭކަރުންނަށް” އެގޭނެއެވެ. ރައްޔިތުންގެ މަޖީލީހުގެ ރައީސް އިންނަ ޕްލެޓް ފޯމު އުސްކުރި އުސްކުރުމުން މިކަން ފަސޭހަވާ މިންވަރު މިހާރު ވަޒަން ކުރެވޭ ބަޔަކުވެސް ތިބޭނެއެވެ. އަލުން ރާއްޖޭގެ އިގްތިޞާދު ރިސެޓް ބަޓަނަށް ފިތަންޖެހެއެވެ. ރިސެޓްވާއިރު ރާއްޖޭގެ ދެކުނުގެ އިގްތިޞާދު ވަކިން ހިންގަންޖެހެއެވެ.މުޅި ރާއްޖެއަށް ފައިދާކޮށް ވަޒީފާ އިތުރު ކުރުމުގެ އާ މަގުތަށް ހުޅުވުމުގެ ބޭނުމުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫއާއި މީދުން ޓެސްޓް ކުރި 18 މީހުންގެ ނަތީޖާވެސް ނެގެޓިވް

ކޮވިޑް 19 އާއި ގުޅިގެން މިމަހުގެ 6 ވަނަ ދުވަހު މީދޫއާއި ހުޅުދޫގައި ހޯމްކަރަންޓީނު ކުރެވުނު 18 މީހުންގެ ...

އަހަންނަށްވެސް ރޮވެނީއެވެ.

ފުރަމާލެއިން މިއަދާ ހަމައަށް  62  މީހަކާއި އުލިގަމުން މީހަކު  ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއިއެކު ރާއްޖޭގައި މި ބަލި ...

މިސްކިތްތަކުން ގޮވާލީ ގޭގައި ނަމާދުކުރުމަށް، ކުރެވެނީ ހިތްދަތި އަސަރުތަކެއް!

ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ސަރުކާރުން މަނާކޮށްފައި ވާތީ މީދޫ މިސްކިތްތަކުގައިވެސް މިއަދު ހުކުރު ނަމާދެއް ...