ފުޑް ސެކިއުރިޓީ ގެ ބާބު

އަހަރެން މާލެ ހިޖުރަ ކުރިތާ ތިރީސް އަހަރަށްވުރެ ގިނަވީއެވެ. ޅަ ދުވަސްވަރު އަމިއްލަ ވަޒަން ދޫކޮށް، ރަޙުމަތްތެރިންނާއި ސަކަރާތް ޖަހަން އޮތް ބޮޑު ބިން ދޫކޮށް މާލެ ހިޖުރަކުމަކީ އަހަރެންގެ ނިންމުމެއް ނޫނެވެ. މައިންބަފައިން އަހަރެންގެ މުސްތަޤުބަލް އުޖާލާކުރުމަށް މޮޅަށް ކިޔަވައިދޭން އެޅި ބިންގަލެކެވެ.އެމީހުންގެ ބަސްއަހައިގެން މޮޅަށް ކިޔެވޭތޯ ބެލީމެވެ.އެހެނަސް މައިންބަފައިން އެންމެ ބޭނުންވިވަރަކަށް އަދި އެމީހުންގެ އުއްމީދުގައި ހުރިހާ ކުލަތަކެއް ޖައްސައި ދެވުނުހެނެއް ހިއެއްނުވެއެވެ.

މަސްނޫޢީ އެކިއެކި އާލާތްތައް މީހުންގެ މޫނުމަތީގައި ތައްވި އިރުވެސް އަހަރެން ދިރި މިއުޅެނީ ފުރަ މާލޭގައިއެވެ. މޫނުމަތީގައި ތައްވި ސްކްރީންތަކާއި އެކު މަށަށްވެސް ރަށުގެ ގާތްތިމާގެ މީހުންނާއި، ކުރީގެ ރައްޓެހިންނާއި އައު ރައްޓެހިން ލިބުނެވެ. އަދި މި ދުވަސްވަރު އައުމުގެ ކުރިންވެސް ރަށާއި އެކިއެކި ގޮތްގޮތުން ގުޅުން ބޭއްވޭތޯ ބެލީމެވެ.

ކޮވިޑް19 އައުމާއިއެކު އަތްމަތި ދަތިވެ، އެކި މީހުން އެކި ކޮޅުކޮޅު މައްޗަށް ދުއްވައިގަތީއެވެ. އަހަރެންނަށް ހުރެވެނީ ސްކްރީނަށް ބަލަހައްޓައިގެން އެނބުރޭހާ ޚަބަރުތަކެއް އެކިއެކި މީސްމީޑީއާއަށް ހިއްސާކުރާށާއި ރަށު މީހުންނަށް ދެން ހަދަންވާގޮތް ބުނެދޭށެވެ.ކޮންމެހެން އެމީހުން މަބުނާގޮތަށް ކަންތައް ކުރަނީކީ ނޫނެވެ.އެމީހުން ދެކެނީ އަހަރެންނަނީ “ކާކު ހެއްޔެވެ؟” ކޯޗެއް އެގޭ މީހެއް ހެއްޔެވެ؟ ރަށަށް ބޮޑު ކަމުނުދާ މީހަކަށް ރަށް އެގޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ އެވެރިންގެ ކަމަކީ ހަޖޫކިޔުމާއި، ފާޑު ކިޔުމާއި، އަބަދުވެސް ކަންނުވާނެ ހައިގޮތް ކިޔަކިޔާ ތިބުމެވެ. މީހަކު ކަމެއް ފަށާއިރަށް އެކަން ކުރަންވާނެ ގޮތުގެ ޕްލޭންތައް ކިޔައި ދިނުމެވެ.ނުވަތަ އެކަން ނުވާނެ ހުރިހާ ގޮތްތައް ކިޔައި ދިނުމެވެ.

އަހަރެން ހަނދާން ހުރެއެވެ.އަހަރެންގެ މާމަގެ ގޭގައި ހުންނަ ކާށި، ކެޔޮ ގަނޑު ގަންނާނީ އަވަށްޓެރި އެއްފަސްވެފައި އޮންނަ ރަށު މީހެކެވެ.އަހަރެންގެ އަމިއްލަ ރަށު މީހުން އޭރުވެސް އެގޮތަށް ވިޔަފާރި ކުރާގޮތްމަދެވެ.

ސްކްރީން ތަކުން ފެންނަ ކަންކަމުން އެންމެ މުހިއްމު އެއްވާހަކައަކީ މީސްމީހުން ދަނޑު ހައްދަން ނިކުތްވާކައެވެ. އެންމެ ހުސްބިމެއްވެސް މިހާރަކު ނެތްވާހަކައެވެ. އަދި ރައްޔިތުންގެ މަޖިލީހުންގެ ކޮމެޓީއަކުން ބަނބުކެޔޮ ހައްދަން ލަފާދޭން ބުނުމުން އެކަމަށްވެސް މީހުން ފޫގަޅާފައިވާ ވާހަކައެވެ.

އަހަރެން ހިތަށް އަރަނީ މިހެންނެވެ. އަސްލު މިދައްކަނީ “ފުޑް ސެކިއުރިޓީގެ” ވާހަކައެވެ. އެކިއެކި ރަށްރަށުގައި ވެސް އެކިއެކި ސިފަސިފައިގައި މިކަން އެބަކުރެއެވެ.ނުވަތަ ރާވަމުން އެބަގެންދެއެވެ.ސަބަބަބީ ކަބަފައިންގެ ދުވަސްވަރު ދެވަނަބޮޑު ހަނގުރާމާގައި ދިމާވި ފަދަ ތަޑުމަޑުކަމަކުން ސަލާމަތްވެ ތިބުމެވެ.

ގިނަ ބަޔަކު ދަނޑު ފަގަށް ނިކުތުމަކީ ހެޔޮފާލެކެވެ.ދިވެހިން މިތިބޭ ކަންނެތްކަން ފިލުވާލައި މުޅި ނަފްސު ހޭލައްވާލާނެކަމެކެވެ. އަދި ގިނަމީހުން ތަކެތި ހެއްދިވަރަކަށް “ފުޑް ސެކިއުރިޓީ” އިތުރުވާނެއެވެ.

ޢާންމުކޮށް ރާއްޖޭގައި ފަސޭހަކޮށް ހައްދައި އުޅޭނީ ކަރާ، ދޮން ކޭލުގެ ވައްތަރުތައް، މިރުސް މިބާވަތުގެ މެވާއާއި ތަރުކާރީއެވެ. ބިލެތަކީވެސް ރާއްޖޭގައި ވަރަށް ރަގަޅު ނަފާ ނެރެވޭ އެއްޗެކެވެ.

އަހަރެން ބުނާގޮތް ނެދިޔަސް މިފަހަރު ތަންކޮޅެއް ދިގުކޮށް އެއްޗެއް ބުނާނަމެވެ.ފަހުން ބޮޑު ކަމުދާން ރަށަށްދާނީއެވެ.

މި މަސައްކަތް ކުރާއިރު ވިސްނަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ދަނޑުބިމެއްގައި ވިޔަސް ނުވަތަ އަމިއްލަ ގޯތީގެ ހުސްބިމުގައި ވިޔަސް ތަކެތި ހައްދާއިރު މިއުޅޭނީ އެހެން މީހުން ް ކުރާހާ ކަމެއް ކުރަންތޯ ނުވަތަ ނަފާ ބޮޑު، ތަފާތުކޮށް ތަކެތި އުފައްދަން ތޯއެވެ. ޤަބޫލް ކުރެވޭކަމަކީ ކޮންމެ އެއްޗެއް ހެއްދިޔަސް އަބަދުވެސް ބޭނުންވާނީ އެންމެ ނަފާ ބޮޑުކޮށް ލިބުންކަމެވެ.

މިސާލަކަށް ރާއްޖޭގައި ހައްދާ ދޮންކެޔޮ، ކަރާ އަދި މިރުސް ފަދަ ތަކެއްޗަކީ ރާއްޖޭގައި އުފައްދައި ވިއްކާ ޢަދަދުގެ ދިހައެއް ނުވަތަ ބާރަގުނަ ބޭރުން ގެނެސް ވިއްކާ ތަކެއްޗެވެ. މިހާރު ތަޞައްވަރު ކުރެވޭނީ ރާއްޖޭގައި އުފެއްދުމުން ރާއްޖެ އެތެރެ ކުރާ މިންވަރު މަދުވާނެކަމަށެވެ.ރަގަޅު ވާހަކައެކެވެ.

އެކަމަކު މައްސަލަ ފެންނަ ހިސާބަކީ މިއީއެވެ. މި ދެންނެވި ބާވަތްތަކަކީ އެ ގައުމުތަކުން އެތައް އޭކަރެއްގެ ބިންގަނެގެން، އެތައް ހާސް މާލެއް ކަޑައްތުކޮށް ބަނދަރުތަކަށް ގެންގޮސް، ނާލު ދައްކާ މާލެ ގެނެސް ކަސްޓަމްސް އަށް 15 އިންސައްތަ ޑީއުޓީ ދައްކައި، ފައިދާ ލާފައި އަހަރެމެން މިހައްދާ ދޮންކޭލާއި، މިރުހާއި، ބަރަބޮލާއި، އަނބަށް ވުރެ އެތައް ތަނުން އަގު ހެޔޮކޮށް ވިއްކާތާ އެތައް އަހަރެއް ވެފައިވާ ސާމާނެވެ. ބައެއް ތަރުކާރީ އަދި މޭވާ ގެންނަނީ ވައިގެ މަގުންނެވެ. އަދި ފަހަކަށް އައިސް ބިލަތާއި، ދަނޑިއަލުވި، ކައްޓަލަ، އަލައަށް ދާންދެން ހަމަ އެތެރެކޮށް ވިއްކަނީއެވެ. ކުޑަކުޑަ މިސާލެކެވެ. ކަޑޫދޫ މިރުގެ އަގު މިދޭތެރެއަކުން 20 ޑޮލަރަށް ހުއްޓެވެ. އެކަމަކު ތެލުގެ ބާޒާރުގައި ތެލުގެ އަގެއް ނެތެވެ.އޮތީ ވައްދެލެ ވަތުގައެވެ.

ރާއްޖޭގެ ބާޒާރުގައި ދިމާވާ އެންމެ ބޮޑޫ މައްސަލައަކީ “އިކޮނޮމީސް އޮފް ސްކޭލް” ނެތުމެވެ. އުފެއްދުންތައް އުފައްދައި ދެކޮޅު ޖެއްސޭނެ ފަދަ ބާޒާރެއް ނެތީއެވެ. މާނައަކީ ބޮޑެތި ބިމުގައި ގިނަ ޢަދަދުން ތަކެތި އުފެއްދުމުގެ ސަބަބުން އުފެއްދޭ ކޮންމެ އެއްޗެއް، އެ އެއްޗެއް އުފެއްދުމުގެ އަގަށް އަންނަ ހެޔޮބަދަލު ރާއްޖޭގައި ނެތުމެވެ. ކައިރީގައި މިއޮތް ބޮޑުބޭބެއަށް ބަލަމާ ހިގާށެވެ. އެވެރިންގެ ބިން މާސިންގާހާވެއެވެ. އެންމެ ސްޓޭޓެއްގައި ވެސް ރާއްޖޭގެ އެތައް ރާއްޖެއެއް ބޭއްވޭނެއެވެ. ހަމައެކަނި ރާއްޖޭގެ ޖުމުލަ ބިމުގެ ސައިޒަށްވުރެ ބޮޑު ބިންތަކުގައި ފަތްކެޔޮ ހައްދައެވެ. ރާއްޖޭގައި ތަފާތު ގޮތަކަށް އިކޮނޮމީސް އޮފް ސްކޭލް ފެނިދާނެއެވެ. މިސާލަކަށް ސައި ވިއްކާ އެންމެ ފިހާރައެއް ހިންގުމަށް ވުރެ ދެވަނަ ފިހާރައެއް ހުރުމުން އެއްބަދިގެއެއްގައި ކެއްކުމުން ފައިދާ ވާނެއެވެ.އޭރުން ކޮންމެ ސައިފިހާރައަކަށް ބަދިގެއެއް ބޭނުންނުވެ އެތަންތަނަށް މުވައްޒަފުންވެސް ބޭނުންނުވާނެއެވެ.

އެފަދަ ގައުމުތަކުގައި ތަކެތި އުފެއްދުމުގައި އަގުހެޔޮވާ އެހެން ސަބަބުތައްވެސް ހުރުއެވެ.އެއީ ހަމައެކަނި ދަނޑުގެ ކުޑަ ބޮޑު މިނަކުން ނޫނެވެ. އަހަރެން ދިރި މިއުޅޭ ގިނަ ރަށްރަށުގައި ހަމަ ކޮނެލާއިރަށް ފެންފަށަލާގައި ޖެހޭނެއެވެ.އަދި ބައެއް ތަކެތި ހައްދަން ބޭނުންވާ މިންގަޑަށް ފެނުގައި ލޮނުގެ އަސަރު ހުރެއެވެ. އަހަރެމެންގެ ރަށްރަށުގެ ވެލީގެ ފަށަލަ ތުނިވުމުންނާއި ވެލި އުފެދިގައި ހުންނަ ގޮތުން ކާނާއެއް ނުހުރެއެވެ. އެހެން ކަމުން ޖެހެނީ ފާޓިލައިޒާ ބޭނުންކޮށްގެން ދަނޑަށް ލޮނު ފެންދޭށެވެ. އަދި ކުރިން މި ގައުމުތަކުގައި މަސައްކަތް ތެރިންގެ އަގު ހެޔޮއެވެ. ބިމުގެ ވެސް އަގު ހެޔޮއެވެ.ބިމުގެ ސައިޒު ބޮޑެވެ. އިކޮނޮމީސް އޮފް ސްކޭލް ލިބެނީ މިފަދަ ބައިވަރު ސަބަބުތައް އެކުވެގެންނެވެ.

މިހާރު ހިތައް އަރާފާނެއެވެ.އެހެންވިއްޔާ އެކި ކަހަލަ ކޯޕަރޭޓިވްސް އާއި ދަނޑުވެރި ލޯނުތައް ދީގެން ދަރަނިވެރި މިކުރުވަނީ ކީއްކުރަން ހެއްޔެވެ. އެހެން ގައުމުތަކުން އަގުހެޔޮކޮށް ތަކެތި އުފައްދައި، ބާޒާރުގެ ފިހާރައާއި ހަމައަށް އަހަރެމެން އުފައްދާ އެއްޗަށްވުރެ އަގުހެޔޮކޮށް ލިބެން ހުންނަންޏާ މިއީ ކީއްކުރާ ކަމެއްހެއްޔެވެ.ހަމަ ގަނެގެން ކާންވީ ނޫންހެއްޔެވެ.

ފުޑް ސެކިއުރިޓީ އަކީ މިއީއެވެ. ކާންބޭނުންވާ ހުރިހާ ބާވަތެއް އިމްޕޯޓު ކުރުން ހުއްޓުވާފައި އެއްޗެތި އަމިއްލަ އަށް ހެއްދުމަކީ ފުޑް ސެކިއުރިޓީއެެއް ނޫނެވެ. ފުޑް ސެކިއުރިޓީ އަކީ ރޯގާ ބަލިމަޑުކަމެއް ދިމާ ހިނދު ނުވަތަ ދަތި އުދަގޫ ކަމެއް ދިމާވާ ދުވަހަކު ކެއުމަށް ބޭނުންވާ މިންވަރަށް މުހިންމު ބައެއް ކާތެތި ލިބެން ހުންނާނެ ގޮތް ރާވާރޭވުމަށް ކިޔާނަމެކެވެ. ރަގަޅެވެ. ގޯތީގެ ހުސްބިމުގައި ހެއްދޭޒާތުގެ މޭވާއާއި ތަރުކާރީހައްދާށެވެ. މިފަދަ ދަތި އަދި ދުނިޔޭގެ ދަތުރު ފަތުރު ހުއްޓި، ތަކެތި ހައްދާ އެހެން ޤައުމުތަކުގެ ޢާންމު ހާލަތެއް ނޭގޭއިރު، ދަތި ދުވަސްވަރެެއްގައި އިހުޒަމާނުގައި “އަވަށްޓެރިޔާއަށް ލޮނު ބޯތަށި ދިއްކޮށްލާގޮތަށް” ދިއްކޮލާނެ ކޮންމެވެސް މޭވާއެއް ނުވަތަ ތަރުކާރީއެއް ހުންނާނެއެވެ. އަދި ތަންކޮޅެއް އިތުރުވެއްޖިއްޔާ ރަށުތެރެއަށް ވިއްކާލައިގެން ކޮންމެވެސް ވަަރަކަށް ގޭގެ ކަރަންޓު ބިލަށް ދައްކާނެ ފައިސާކޮޅެއް ލިބިދާނެއެވެ. އަބަދުވެސް އަހަރެމެން މިފަދަ ދަތި ދުވަސްވަރަށް ތައްޔާރުވެ ތިބެންވެއެވެ.

އުމުރު ދުވަހު މަސައްކަތްކޮށްގެން ޖަމާވި ލާރިކޮޅު ބިމުގައި ވަޅުލުމުގެ ކުރިން ވިސްނަންވާ ގިނަކަން އެބަހުއްޓެވެ.ދަނޑެއް ހައްދައްންޏާ ހައްދަންވާނީ ފައިދާ ހުރި، މިޒަމާނުގެ ގިނަ މީހުން ބޭނުންވާނެ ފައިދާ ބޮޑު ފަދަ ބާވަތެކެވެ.އެއީ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދާނެތީއެވެ. އަދި މަސައްކަތް ފުޅާކޮށް އިތުރު ބިން ހޯދައި އިތުރު މީހުން ގެންގުޅެވޭނީ ކުރާ މަަސައްކަތުން ލިބޭ  ފައިދާއިންނެވެ. ބާޒާރުގެ ހަގީގަތްތައް ރަގަޅަށް ރޯފިލަންވާނެއެވެ. ރަގަޅަށް ހިސާބު ޖަހަންވާނެއެވެ.ވިޔަފާރި އުސޫލުން ކަންކުރަންޏާ އުފައްދަންވާނީ މީހުން ބޭނުންވާ ތަކެއްޗެއްވެ. އަދި ވިސްނުންތެރިކަމާއިއެކު އެހެން މީހަކު އެ ބާވަތެއް ނަހައްދަނީސް ފަށަންވެސް ޖެހޭނެއެވެ.ވިޔަފާރީގައި އެންމެ މުހިންމު އެކައްޗަކީ “ވިޔަފާރީގެ ފިކުރެވެ” ނުވަތަ “ބިސްނަސް އައިޑިއާއެވެ”.

“ދަޑޮމާތެ” އަހަރެމެން ވަރަށް ގިނަ ގޯސްތައް އެބަ ހަދަމެވެ. އެއްކަމަކީ “ފާޓިލައިޒަރ” އާއި “އިންސެކްޓިސައިންޑްސް” އާއި “ޕެސްޓިސައިޑްސް” ބޭނުން ކުރާގޮތާއި އެ ތަކެތި ރައްކާކޮށްފައި ބަހައްޓާ މިންގަނޑުތަކެވެ.އަހަރެމެން ގެ މަސައްކަތު މީހާއަށް އެއިގެ ބޭރުކިޔާކަށް ނޭގެއެވެ. އަދި ކޮކްޓެއިލްތައް ހަދައިގެން ގަސްގަހަށް ޖަހުވަނީއެވެ. މީގެ ސަބަބުން ނުރައްކާތެރި ބަލިބަލި އަހަރެމެން ގެތެރޭގައި އިތުރެވެ.ޙާޞަކޮށް ކެންސަރެވެ. ޒާތްޒާތަށް ބޭސްބޭނުންކުރުމުން ގުދުރަތުން ލައްވާފައިވާ ހަމަހަމަ ކަންގެއްލި އެހެނިހެން ފަނިފަކުސާ އިތުރުވެ އިންތިހާއަށް އުދަގޫ ބޮޑުވެއެވެ.

ބައެއް ދަނޑުވެރިން ސީދާ ފާޓިލައިޒާރ ގިރާލަނީ ދަނޑުގައި ބަހައްޓާފައި ހުންނަ ވަޅަށެވެ. މިހެން ހެދުމުގެ ސަބަބުން ރަށުގެ މީރު ފެންފަށަލަ އެއިގެ އަސަރު ކުރެއެވެ. އަދި ފެންފަށަލަ ތަޢައްޔަރުވެ އިންސާނުންނަށް އެއިގެ ނޭދެވޭ އަސަރު ކުރެއެވެ.

އަހަރެންނަށް ފެންނަ ގޮތުގައި ދަޑޮމާތެ މިހާރު ދަނޑުތައް ހައްދަންވީ ބޭސްބޭނުން ނުކޮށެވެ. އެއީ އޮގަނިކް ފާރމިންގ އެވެ.އޭރުން މީގެ އަގު ބާޒާރުގައި ބޮޑުވާނެއެވެ.ފައިދާ އިތުރުވާނެއެވެ.އަދި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެ ބަލިބަލި ދެނެގަނެ ފަރުވާ ހޯދަންވީއެވެ.މިސާލަކަށް މިހާރު ސްމާޓް ފޯނުން އެޕްތައް ބޭނުންކޮށްގެން މިކަންކުރެވޭ އީޖާދުތައް އެބަހުއްޓެވެ.

އަނެއްކަމަކީ މުޑުވައް ބާޒާރަށް ގެންދިއުމާއި ހަމައަށް ޚަރަދުވާ ޢަދަދު އަހަރެމެން ނުބަލަހައްޓާ މައްސަލައެވެ.ކައިރީގައި ޖެހިގެން އޮތް ދަނޑުވެރިޔާ ވިއްކާ އަގަށް ފަހަރުގައި މަށަށް ކަރާ ކިލޯއެއް ނުވިއްކިދާނެ ކަން ދަންނަންޖެހެއެވެ. އަދި ރަށުތެރެއަށް ވިއްކާއިރު އެއްކަލަ ފިހާރައިން ދޭ އަގަށްވުރެ ބޮޑުކޮށް ކަރާ ކިލޯއް ގަންނަ މީހާ ނުގަންނާނެކަންވެސް އެގެންވެއެވެ. އެހެންކަމުން މުޑުވައް ކުރާހަމައި ފެށިގެން ގޮސް ފިހާރައާއި ހަމައަށް ގެންދަން ކަރާ ކިލޯއަކަށް ޖެހެނީ ކިހާވަރެއްކަން ކަށަވަރު ކުރަންޖެހެއެވެ. އަދި ބާޒާރުގެ އަގުތައް ރަގަޅަށް ބަލައި އަމިއްލަ އުފެއްދުން ތަކުގެ އަގުތަށް ކަޑައަޅަން ދަސްކުރަންޖެހެއެވެ. އެހެން ނޫނިއްޔާޖެހޭނީ ނުވިކިގެން އުކާލާށެވެ. އުކާލުމަކީވެސް ހައްލެއް ނޫންތާއެވެ.އެއަށްވުރެ ކޮންމެވެސް މީހަކަށް ޞަދަގާތްކޮށްލުމުން ފަހަށްކޮންމެވެސް އެއްޗެއް ރައްކާކޮށްލެވޭނެއެވެ.

މިހާރަށް ބަލާއިރު ފަތްޕިލާވެއްޔަކީ ވެސް ނުހަނު ރަގަޅު އަގު ލިބޭ ޗަކެއްޗެވެ. އަހަރެން ކުޑައިރު ޖުމްހޫރީ މޭވާގެ ފަތް މޮޑެގެން ކާން ލިބޭ ހަނދާން އެބަހުއްޓެވެ. ދިގުތިޔަ ފަތާއި، މާބުޅާ ފަތާއި، ގޯރަންފަތާއި، ހުސެއިން ރަގާފަތާއި، މުރަގަ ފަތާއި އެއިގެ ތޮޅިއަކީ އަގު ހުންނަ ބާވަތްތަކެވެ.ފަހަރުގައި ލަންސިމޫ އަކީ އަޖުމަ ބަލާލަން ރަގަޅު އެއްޗެކެވެ.އެކަމަކު މިއީ ކާބާވަތެއް ނޫނެވެ.

އަހަރެން މިބުނީ ދަޑޮމާތެ ދަނޑުތައް ނުހައްދާށޭ ނޫނެވެ. މިބުނީ ބާޒާރު ބަލައި ދިރާސާ ކުރުމަށް ފަހު ކަންކަން ކުރަންވާނެވާހަކައެވެ. އަދި ގަންނަ މީހާ ބޭނުންވާ އެއްޗެހި އުފައްދުމަށާއި، ގަނެވޭ އަގުތަކުގައި ތަކެތި އަގު ހެދުމަށެވެ. ހަމަ މިއާއެކު އޯގަނިކްކޮށް ތަކެތި އުފެއްދުމަށާއި އަދި މިހާރު ބޭނުންކުރަމުން ދާ ފަނާވަނިވި ގޮތަށް ޕެސްޓިސައިޑްސް އާއި އިންސެކްޓިސައިޑްސް ބޭނުން ކުރުން ހުއްޓާލުމަށެވެ. އަދި ވަޅުވަޅަށް ފާޓިލައިޒަރ ގިރުން ހުއްޓާލުމަށެވެ.

ދަނޑުވެރިކަމުން ނަފާ ނެރެވޭނެއެވެ. އެކަމަކު ވިސްނުންތެރިކަމާއިއެކު، ރޭވުންތެރިކަމާއިއެކު ބާޒާރުން ބޭނުންވާ ތަކެތި ގަނެވޭނެ އަގުގައި އުފައްދައިގެންނެވެ.

Next: ރާއްޖޭގެ އިގްތިޞާދު ރިސެޓް ކުރުން