އިތުރު 11 މީހަކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މި 11 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހެކެވެ. އެހެންކަމުން ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 1031 އަށް އަރާފައެވެ.
މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި ދިވެހިންގެ އަދަދުވަނީ 360 އަށް އަރާފަ. ޕޮޒިޓިވްވި ބިދޭސީންގެ އަދަދުވަނީ 671 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ރަނގަޅުވެފައިވަނީ 49 މީހެކެވެ. ރާއްޖެއިން މިހާތަނަށް އެންމެ ގިނަބަޔަކު ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން. އެގައުމުގެ 535 އަށް ރައާފައެވެ.
މި ދެހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ އެންމެ ނުރައްކާތެރި ދެހަފްތާއަށްވާއިރު، މުޖުތަމައުގައި ބަލި ކޮންޓްރޯލްކުރުމަށްޓަކައި އިތުރުފިޔަވަޅުތައް ދަނީ އަޅަމުން. އެގޮތުން މާލެ ސަރަހައްދުގައި މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން އިކޮނޮމިކް މިނިސްޓްރީން ވަގުތީ ގޮތުން ހުއްޓާލައިފައެވެ. މި ހުއްދަތައް ދިނުން މެދުކަނޑާލާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޯވިޑް-19ގެ ބަލި މީހެއް އެންމެ ފުރަތަމަ ފެނިފައިވަނީ މާރިޗު މަހުގެ 7 ވަނަދުވަހު ކުރެއްދޫ ރިސޯޓުންނެވެ. އޭގެފަހުން ރިސޯޓްތަކުން މި ބަލީގެ މީހުން ފެންނަމުން އައިސް ދިވެއްސެއްގައި އެންމެ ފުރަތަމަ މި ބަލި ފެނުނީ މާރިޗުމަހުގެ 27 ވަނަދުވަހުއެވެ. މާލެއިން ބެލި ފެނުނުތާ މިއަދަށް 30 ދުވަސް ވެފައިވާއިރު މިބަލި މިހާތަނަށް އެންމެ ގިނަ އަދަކަށް ރާއްޖެއިން ފެނިފައިވަނީވެސް މާލެއިން.
މާލެއިން މި ބަލީގެ މީހަކު ފެނުނު ފަހުން މިހާތަނަށް އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު 179 މީހަކަށް މި ބަލި ޖެހިފައިވާކަން ރިޕޯޓްތަކުން ދައްކައެވެ. އޭގެފަހުން މި ބަލީގައި ކޮންމެ ދުވަހަކުވެސް ފެންނަ މީހުންގެ އަދަދު އެވެރެޖްކޮށް އުޅެނީ 20 އިން މަތީގައެވެ.
މަސްދަރު:ޕީއެސްއެމް ނިއުސް