ގެއިން ބޭރުގައި އުޅެފައި ގެއަށް އަންނަ މީހުން ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީންނާއި ބައްދަލުކުރަންވާނީ ރަގަޅަށް ފެންވަރާ އަތްދޮވެގެން ކަމަށް އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ޑރ އަފްޒަލް މިހެން ވިދާޅުވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިގެން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
” ގޭން ބޭރުގައި އުޅެފައި ގެއަށް އަންނަ މީހުން ޚާއްސަގޮތެއްގައި ގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުންނާއި އަދިވެސް އެހެން ބަލިތަކުގައި އުޅޭ މީހުންނާއި މާބަނޑު އަންހެނުންނާއި އަދި އުމުރުން ފަސް އަހަރުންދަށުގެ ކުޑަކުދީން ނާއި ބައްދަލުކުރާކަމަށްވާނަމަ އަޅުގަޑުގަޑުގެ އިރުޝާދަކީ އޭގެ ކުރީން ފެންވަރާލައިގެންނޭ އެކަން ކުރަންވާނީ ، ހަމައެކަނި އަތްދޮވެލައިގެންވެސް ނޫނޭ ،” ޑޮކްޓަރ އަފްޒަލް ވިދާޅުވިއެވެ.
މި ނޫސްވެރީންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޑރ . އަފަޒަލްވިދާޅުވީ މިދުވަސްވަރު ވިޔަފާރިކުރަން ފިހާރައަކަށް ދާނަމަ ހުންނަންޖެހޭނީ މާސްކްއަޅައި އަންގިވެސް ލައްވައިގެންކަމަށެވެ. އަދި މިދުވަސްވަރު އެއްޗެހީގެ އެސްޕަޔާ ޑޭޓް ބެލުން ވަރަށްމުހިއްމުކަމަށާ ފިހާރައިން ގަނެގެން ގެންނަ ތަކެތި ނުވަތަ އޯޑަރު ކޮށްގެން ގެންނަ ތަކެތީގެ ތެރެއިން ސާފްކުރެވޭ ފަދަތަކެތި ސެނެޓައިޒާފަދަ އެއްޗަކުން ސާފްކުރުމަކީވެސް ވަރަށް މުހިއްމުކަމެއްކަމަށް ޑރ . އަފްޒަލް ވިދާޅުވިއެވެ. އަދި އެނޫން ތަކެތިވެސް ރަގަޅަށް ދޮވުމަށް ޑރ. އަފްޒަލް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރަށް ޑރ . އަފްޒަލް ވިދާޅުވީ މިދުވަސްކޮޅު އެންމެ މުހިއްމުކަމެއްކަމުގައި ކުރަންޖެހޭކަމަކީ ގައިދުރުކުރުން ކަމަށާ އަދި ގިނަގިނައިން ސާބޫނި ލައިގެން އަތްދޮވުން އެއީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށްވެސް ޑރ. އަފަޒަލް ވިދާޅުވިއެވެ.