ވީމީޑިއާ ވަގުތީގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށް މުވައްޒަފުންނަށް އަންގައިފި

އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީ (އައިބީސީ) ގެ ދަށުން ހިންގާ ވީމީޑިއާގެ ހުރިހާ އޮޕަރޭޝަނެއް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިދާނެ ކަމަށް، އެކުންފުނިން މުވައްޒަފުންނަށް އަންގައިފިއެވެ.

އައިބީސީން މިކަމާއި ގުޅޭގޮތުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއިން ފެނުމާއި ގުޅިގެން ޓޫރިޒަމްގެ ސިނާޢަތުން އެކުންފުންޏަށް ވަންނަމުން ދިޔަ އާމްދަނީ ލިބުން އެއްކޮށް ހުއްޓި، އެކަމުގެ ސަބަބުން އެކުންފުނި ހިންގުމަށާއި މުވައްޒަފުންނަށް ދޭންޖެހޭ އުޖޫރަ ދިނުމަށް ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

މިހާލަތުގައި ކުންފުނި ދެމެހެއްޓުމަށް ކުރެވުނު މަސައްކަތުން އާމްދަނީ އިތުރު ކުރެވޭނެ އެއްވެސް އަލިމަގެއް ފެނިފައި ނުވާތީ އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީގެ ހުރިހާ އޮޕަރޭޝަނެއް ވަގުތީ ގޮތުން ހުއްޓާލަން ޖެހިފައިވާ ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މިއަހަރުގެ އޭޕްރިލް މަހާއި މެއި މަހާއި ޖޫން މަހު މުސާރައިގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދެވޭނީ 2222 (ދެހާސް ދުއިސައްތަ ބާވީސް) ރުފިޔާ ކަމަށާއި ކުންފުނި ހިިންގުން ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް ކުރިއަށް އޮތް ތިން މަހުގެ މުސާރައާއި ރޯދަ މަހުގެ އިނާޔަތް ކޮންމެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށް ވެސް އެއިއުލާނުގައި ބުނެފައިވެއެވެ.
މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އިޤްތިސާދު މިހާލަތުން އަރައި ނުގަނެވި އާމްދަނީ ލިބޭނެ ގޮތެއް ނުވެއްޖެނަމަ ވަޒީފާއާމެދު ގޮތެއް ނިންމާ އެކަން މުވައްޒަފުންނަށް އަންގާނެ ކަމަށް ވެސް އައިބީސީގެ އިއުލާނުގައި ބުނެފައިވެއެވެ

Next: ކޯވިޑް-19 : “އައްޑޫ ސިޓީގެ ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ސަރުކާރުން ކަށަވަރުކޮށްދޭނެ”