ކޮވިޑް-19: ތުލުސްދޫން އިތުރު ދެމީހަކު ފައްސިވެއްޖެ

ކ. ތުލުސްދޫ އިން ކޮވިޑް-19 އަށް އިތުުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ތުލުސްދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުން އިއްޔެ  އެރަށުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ވަނީ ބިދޭސީން ކަމަށާއި އެއީ ބަންގްލަދޭޝްގެ ދެ މީހުން ކަމަށެވެ.

އެ ދެ މީހުންނަކީ މީގެ ކުރިން އެ ރަށުން ކޮވިޑްއަށް ޕޮޒިޓިވްވި ތިން ބިދޭސީންނާ އެއް ތަނެއްގައި ދިރިއުޅެމުން އައި ބައެއްކަމަށްވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ.

ތުލުސްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެރަށުން އިއްޔެ ޕޮޒިޓިވްވި  އެދެމީހުން މިހާރު ވަނީ ސީއެމްބިއުލަންސްގައި އައިސޮލޭޝަން އަށް ގެންގޮސްފައެވެ.

ތުލުސްދޫން އިއްޔެ ޕޮޒިޓިވްވި  ބިދޭސީން ދިރިއުޅެމުން އަންނަ ތަން މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެންވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އެތަނުގައި 15 ބިދޭސީން ދިރިއުޅެމުން އަންނަ އިރު އެތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވި މީހުން ފިޔަވައި ދެން އެތަނުގައިތިބި އެހެން މީހުން އަދިވެސް ތިބީ އެތަނުގައެވެ.

އިއްޔެ ތުލުސްދޫން ކޮވިޑްއަށް ޕޮޒިޓިވްވި ދެމީހުންނާއެކު މިހާތަނަށް ތުލުސްދޫން ޖުމްލަ ފަސް މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އިއްޔެ  ރާއްޖެ އިން 86 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ 67 މީހަކު ހިމެނެއެވެ. ނަމަވެސް އޭގެ ތެރޭގައި ތުލުސްދޫން އިއްޔެ  ޕޮޒިޓިވްވި  ދެމީހުން ހިމެނޭ ކަމެއް ނުވަތަ ނޫންކަމެއް އެޗްޕީއޭ އިން ކަށަވަރު ކޮށެއް ނުދެއެވެ.

ރާއްޖެ އިން މިހާތަނަށް 734 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.  އޭގެ ތެރޭގައި ހިމެނެނީ 502 ބިދޭސީންނާއި 234 ދިވެހިންނެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ތިން މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެދިވެހިންނާއި ބިދޭސީއެކެވެ.

Next: ފަސް ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ