ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު މީހަކު މަރުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މަރުވެފައިވަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ރާއްޖެއިން މި ބަލީގައި މަރުވި 3 ވަނަ މީހާއެވެ.
ރޭ ކޯވިޑް-19 ގައި މަރުވި ޢުމުރުން ދުވަސްވީ މީހާއަކީ، ވަރަށް ގިނަ ބަލިތައް ތަހަމައްމަލުކުރަމުންދާ މީހެއްކަން ޑޮކްޓަރުން ކުރިން ވަނީ ވިދާޅުވެފައެވެ. ޑޮކްޓަރުން ވިދާޅުވިގޮތުގައި އޭނާއަކީ މީގެކުރިން ސްޓްރޯކެއްޖެހި 2 އަހަރުދުވަސް ވަންދެން އެނދުގައި އޮތް މީހެއްކަމަށާ، އޭނާ ތަހައްމަލުކުރަމުންދާ ބަލިތަކުގެ ތެރޭގައި ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުން ހިމެނެއެވެ. އަދި ކާއެއްޗެހިދާ ހޮޅީގެ މައްސަލަތަކެއް ދިމާވެ އެތައް ފަހަރަކު ނިއުމޯނިއާ ވެސް އޭނާއަށް ޖެހިފައިވާކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ.
މީގެ ކުރިން މިބަލީގައި މަރުވެފައިވަނީ 83 އަހަރުގެ ދިވެހި އަންހެނަކާއި، 33 އަހަރުގެ ބަނގްލަދޭޝްގެ މީހެކެވެ.
މިވަގުތުވެސް އައިޖީއެމްއެޗްގައި 5 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 2 މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ. އަދި އަނެއް މީހާއަށް އޮކްސިޖަން ދެމުންދާއިރު ދެންތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.