ފަސް ވެންޓިލޭޓަރާއި 10،000 ޓެސްޓް ކިޓް ވެލާ ރިސޯޓުން ހަދިޔާ ކުރަނީ

ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުގެ ފަރާތުން ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ އަދި މުވައްޒަފުންނަށް އެންމެބޮޑު ސާވިސްޗާޖެއް ދެމުން އަންނަ  މި ރިސޯޓުގެ އޯނަރުން ކަމަށްވާ ޗެކް ރިޕަޕްލިކަށް ނިސްބަތްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ތަކެތި މިއަދު ގެންނާނެ ކަމަށް އެ ރިސޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ވެލާ ރިސޯޓް

މިއަދުގެ ވަގުތެއްގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާ  އެ ރިސޯޓުގެ އޯނަރުންކަމަށްވާ ޗެކް ރިޕަޕްލިކަށް ނިސްބަތްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ 10،000 ޓެސްޓު ކިޓާއި، 5 ވެންޓިލޭޓަރާއި، 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީޓީ ކިޓެވެ.

ރާއްޖެ ވަޑައިގަންނަވާ ވެލާގެ އޯނަރުންގެ ތެރެއިން ޑެނިއަލް ވަނީ މިދިޔަ މާޗު މަހު ޗެކް ރިޕަބްލިކުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ބައްޔަށް ފަރުވާކޮށް މުޅިން ރަނގަޅުވެފައިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ވެލާ ރިސޯޓުގެ ހިއްސާދާރުން ރާއްޖެ ވަޑައިގަންނަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަން އެ ފަރާތުން ހާމަކޮށްފައިވާއިރު އެ ބޭފުޅުންގެ އިތުރުން އެހީތެރިން ވެސް އަންނާނެ ކަމަށް އެނގިފައިވެ އެވެ. މި މީހުން ތިބުމަށް ހަމަޖެހިފައިވަނީ ވެލާ ރިސޯޓުގައެވެ.

ވެލާ ރިސޯޓު އަބަދުވެސް މަޝްހޫރުވެފައި އޮންނަނީ މުވައްޒަފުންނަށް ވަރަށް ރަނގަޅު އިނާޔަތްތަކެއް ދެމުންއަންނަ ރިސޯޓެއްގެ ގޮތުގައެވެ. އެގޮތުން ރާއްޖޭގައި މުވައްޒަފުންނަށް އެންމެ ބޮޑު ސާވިސް ޗާޖުދޭ އެއް ރިސޯޓަކީ ވެސް ވެލާ ރިސޯޓެވެ.

Next: ފޮޓޯއިން ޚަބަރު: މީދޫ ބަހާއުއްދީން މަގުގައި ތާރުއެޅުން