އިތުރު 8 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 137 އަށް އަރައިފިއެވެ. މި އެންމެނަށްވެސް މިހާރުދަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންނެވެ.
މިއަދު ކޯވިޑަށް ޕޮޒިޓިވްވި 8 މީހުންނަކީވެސް ދިވެހިންނެވެ. މިމީހުންނަށް ކޭސްނަންބަރުތައް ދީފައިވަނީ 130 އިން 137 އަށެވެ. މިއާއެކު މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9 އަށް އަރާފައެވެ. ރޭ މެންދަމު މާލެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެކެވެ. މާލެއިން ރޭ އިރާކޮޅުވަނީ އިތުރު 12 ދިވެއްސަކު ޕޮޒިޓިވެވެފައެވެ.
ރާއްޖެއިން ޕޮޒިޓިވް ވެފައިވާ 137 މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. މީގެ ތެރޭގައި ހިމެނެނީ 69 ބިދޭސީންނާއި، 68 ދިވެހިންނެވެ. މިހާތަނަށް ރާއްޖެއިން ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. މި އެންމެންނަކީވެސް ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވި 20 މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާ ހޯދަމުންދަނީ، ފިލިޕީންސް އިން ރާއްޖެ އައި ދިވެހި މީހާ އެކަންޏެވެ.
ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި ގިނަ ބިދޭސީންނަކީ ޑެލިވަރީއާއި އެހެން ޚިދުމަތްތަކުގައި މަސައްކަތްކުރާ މީހުންނެވެ. އެގޮތުން ޕޮޒިޓިވްވި ބިދޭސީންގެ ކޮންޓެކްޓް ޓްރޭސްކުރުމުގެ ތެރެއިންވަނީ ގިނަ ޢަދަދެއްގެ ބިދޭސީން ހިމެނޭ ހަބެއްވެސް ދެނެގަނެވިފައެވެ.
މާލޭގައި ތޮއްޖެހިގެން ގިނަ ޢަދަދެއްގެ ބިދޭސީން އުޅެމުންދާތީ އެތަންތަނަށް އެންއީއޯސީގެ ޓީމްތައް ގޮސް ބިދޭސީންގެ ސާމްޕަލް ނަގައި ޓެސްޓްކުރަމުން އަންނަކަމަށާ، އެގޮތަށް ނަގާ ސާމްޕަލްތަކުންވެސް ބިދޭސީން މިބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓްސް (0)