ނަމާދު ކުރުމާއި، ތައުބާ ވުމާއި، ޒިކުރު ކުރުމުގެ ތެރޭގައި ހޭދަ ކުރާ މައްސަރަކަށް ރޯދަ މަސް ހަދަމާ ހިންގަވާށެވެ.

ރަމަޟާން މަހަކީ ކޮންމެ އަހަރަކު އަޅުގަނޑުމެންނާ ބައްދަލު ކުރާ އުފާވެރި ފުއްސެވުމާއި ދިންނެވުމުގެ މައްސަރެކެވެ. އުފާވެރި މައްސަރަކަށް ވަނީ އެ މައްސަރުގައި އަޅުގަނޑުމެންނަށް ނަފުސު އިސްލާހުކޮށްލަން ލިބޭ ރަނުގެ ފުރުޞަތެއްގެ ސަބަބުންނެވެ.

ﷲ ވަޙީ ކުރައްވައިފައިވާ ގޮތުގައި ރަމަޟާން މަސް އަޅުގަނޑުމެންނަށް ދެއްވައިފައި ވަނީ އަޅުގަނޑުމެން ތަޤްވާވެރި ވުމަށްޓަކައެވެ. ތަޤްވާވެރި ވުމަކީ ކޮބައިތޯއެވެ؟ ތަޤްވާވެރިވުމަކީ ﷲ ހަނދުމަ ކުޅައުމާއި، އެ ކަލާނގެއަށް ބިރުވެތި ވުމެވެ. އަޅުކަން ކުރުމާއި، ފާފަ ފުއްސެވުމަށް އެދުމާއި، ތައުބާ ވުމެވެ.

އިންސާނާއަކީ ކުށް ކުރާ އަދި ކުށް ކުރެވޭނޭ މަޚްލޫޤެކެވެ. ތައުބާ ވުމާއި، މަޢާފަށް އެދުން ލެއްވި ސަބަބަކީ އެއީއެވެ. ކުށުން ބަރީއަ ވެގެން ވުމަކީ ރަސޫލު ބޭކަލުންނާއި، ނަބީ ބޭކަލުން ފިޔަވައި އެހެން އެއްވެސް އިންސާނަކަށް ލިބިފައިވާ ދަރަޖައެއް ނޫނެވެ.

ފާފައިން ސަލާމަތް ވުމުގެ ދޮރު އަބަދުވެސް އޮންނަނީ ހުޅުވިފައެވެ. އެކަމަކު އެކަމަށް ޚާއްޞަ މޫސުމެއް ކޮންމެ އަހަރަކު އެއް ފަހަރު އާދެއެވެ. އަދި ޢުމުރުން އެއް ފަހަރު އަންނަ މޫސުމެއްވެސް އޮވެއެވެ. ޢުމުރުން އެއް ފަހަރު އަންނަނީ ޙައްޖު މޫސުމެވެ. އަހަރަކު އެއް ފަހަރު އަންނަ ޚާއްސަ މޫސުމަކީ ރޯދަ މަހެވެ.

ﷲ އަށް ހިތް ނިޔަތް ޚަލާސް ކޮށްގެން ހުރެ ހެޔޮ ގޮތުގައި ރޯދަ މަހުގެ ހުރިހައި ރޯދައެއް ހިފައިފި މީހެއްގެ ވޭތުވެ ދިޔަ ހުރިހައި ފާފައެއް ފުއްސަވާނެ ކަމަށް ވާރިދު ވެފައި ވެއެވެ. ރޯދަ މަހުގެ ރޭ ތަކުގެ ތެރޭގައި ގަދަރު އުފުލިގެންވާ ރެއެއް ވަނީ ލައްވައިފައެވެ. އެއީ ލައިލަތުލްޤަދްރި އެވެ. އެރޭ އަޅުކަމުގައި ދެމި ހުރެއްޖެ މީހަކަށް އެ އޮތީ އާޚިރަތް ލިބިފައެވެ.

ވުމާއެކު ރޯދަ މަހަކީ ކުޅިވަރާއި މަޖަލުގެ މައްސަރެއް ކަމަށް ނުހަދައި އަޅުކަމަށް ޚާއްޞަ މައްސަރެއް ކަމަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި މައްސަރުގެ ފައިދާ އަޅުގަނޑުމެންނަށް ނުލިބޭނޭ ގޮތް ހެދުމަށްޓަކައި ޝައިޠާނާ ވަރަށް ބޮޑަށް މަސައްކަތް ކުރާނެއެވެ. އެކި ކަހަލަ ކުޅިވަރާއި މަޖަލުގެ ތެރެއަށް އަޅުގަނޑުމެން ގެންދިއުމަށް މަސައްކަތް ކުރާނެއެވެ.

އެހެންނަމަވެސް މިވަގުތަކީ ކުޅިވަރު އެއްކިބާގައި ބޭއްވުމަށްފަހު އަޅުކަމުގައި ހޭދަކުރަންވީ ވަގުތެވެ. ބަލިމަޑުކަމުން އަރައިގަނެ ފާގަތި ދުވަސްތަކަކަށް އެދި ﷲގެ ހަޒްރަތުގައި ދުޢާ ދަންނަވާ އިސްތިޣުފާރުވާންވީ ވަގުތެވެ.

މިދުވަސްވަރަކީ އަޅުގަނޑުމެންގެ ޙަޔާތުގައި ދުވަހަކުވެސް ދެކިފައިނުވާ އަދި ދުވަހަކު ވެސް ދެކެން ބޭނުންނުވާ މަންޒަރެއް ކަމުގައިވާ ކޮވިޑް 19 ގެ ބަލިމަޑުކަން ރާއްޖެއާއި ދުނިޔޭގައި ފެތުރެމުންދާ ދުވަސްވަރެކެވެ.

އިސްލާމްދީނުގެ އެނެމް މާތް ބިންކަމުގައިވާ ގެކޮޅު ބަންދުކުރެވި މިސްކިތުގައި ޖަމާޢަތުގައި ނަމާދުނުކުރެވި ތަރާވީސް ނުކުރެވި މިވަނީ ވަގުތީގޮތުން ހުއްޓާލަންޖެހިފައެވެ. މިއީ ކޮންފަދަ ހިތާމަވެރި ހަބަރެއްތޯ؟ އެހެން ނަމަވެސް އެއްވެސް ބޭފުޅަކު އުއްމީދު ކަނޑާނުލާށެވެ.

ކެތްތެރިކަމާއި ސާބިތުކަމާއެކީ ﷲ އަށް ދުޢާކުރާށެވެ. ދުޢާ ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަކަށް ނެތެވެ. ކުޅޭ ތާހާއި ،ކެރަމްބޯޑްތައް  އެއްފަރާތްކޮށް ގޭގަ ސިޓިންރޫމްގައި އާއިލާއެކީ ޤުރުޢާން ކިޔަވާލާށެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރެވުނެއްކަމަކު އާއިލާ އެކީ ގޭގައި ޖަމާޢަތުގައި ނަމާދުކޮށް ތަރާވީސްކޮށްލާށެވެ. ގިނަ ގިނައިން ރޭ އަޅުކަމުގައި މި މަތިވެރި މައްސަރު ހޭދަކުރާށެވެ.

ދިވެހި ހަރު ބަހެއްގައި އޮންނަ ފަދައިން ވެހޭތާ ފެން ނަގަމާ ހިންގަވާށެވެ.

އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ބަލިމަޑުކަމުން އަޅުގަނޑުމެން މިންޖުކުރައްވާނެތެވެ. އާމީން

މަސްދަރު: މިއަދު އަދި ހަމަ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ-މީދޫ ކޮވިޑް 19 – އިއްޔެ ޕޮޒިޓްވީ ދެމީހުން

އިއްޔެ ( 21 މެއި 2021 ވަނަދުވަހު ) ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 2 މީހަކުންކަމަށް ހުޅުމީދޫ ...

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ސައިކަލް ދުއްވަން ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ތާރު އަޅާފައިވާ ބަހާއުއްދީން މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެންގޮސް  މަގުބަންދުކުރަން އެމްޓީސީސީން ބަހައްޓާފައިހުރި ...

އެމްޓީޑީގެ ރައީސަކަށް އަދީބު އައްޔަންކުރައްވައިފި

މޯލްޑިވްސް ތާރޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސަކަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އައްޔަންކުރައްވައިފިއެވެ. އެމްޓީޑީގެ ރައީސް ...