އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑަމީ ހިންގާ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލަށް ތަމްސީލު ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން “އެޖެންޑާ 19 ރަށަށް” މިނަމުގައި އިއްޔެ ހިތަދޫގައި ބޭއްވުނު އައްޑޫ ސިޓީ ކައުންސިލުގެ މެނިފެސްޓޯ ހެދުމަށް ބޭއްވުނު ހާއްސަ ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕޮލިސް އެކެޑެމީ އާއި ގުޅޭގޮތުން ދެކެވެނީ ތަފާތު ވާހަކަތަކެއް ކަމަށެވެ. އެގޮތުން އެކަޑެމީއަށް އަމާޒުކޮށް “ޕޮލިސް އެކެޑެމީ” އާއި “އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް” ކިޔަމުންދާކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް އެއީ “އިންސްޓިޓިއުޓް އޮފް ލޯ، އޯޑާ އެންޑް ސްޓްރެޓަޖިކް ސްޓަޑީޒް” ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ބޮޑު ސަރަހައްދެއްގައި އިންޑިއާ އިން ތައްޔާރުކުރަމުންދާ އެ ތަނުގެ ބޯޑުގައި ސިޓީ ކައުންސިލްގެ މެމްބަރަކު އިންނަ ގޮތަށް “ވައުދު” ވެވޭނެ ކަމަށާއި، އޭގެ މަގްސަދަކީ ބޮޑު އިންސްޓިޓިއުޓަކަށް އެތަން ބަދަލު ކުރުން ކަމަށެވެ.
އިންޑިއާ ސަރުކާރުގެ ބެލުމުގެ ދަށުން ހުރިހާ މަސައްކަތަކެއް ކުރިއަށް ގެންދާއިރު، މި މަޝްރޫ އަށް 18 މިލިއަން ޑޮލަރު އިންޑިއާ އިން ހޭދަކުރާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. މި މަޝްރޫއު އިއުލާންކުރީ 6 އޭޕްރީލް 2014 ގަ އެވެ.
މި އިންސްޓިޓިއުޓްގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. ފުލުހުން ބުނި ގޮތުގައި އެތަން ހަދަނީ ވަރަށް ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެހެން ވެސް ޓްރެއިނިން ސެންޓަރެއްގައި ހުންނަން ޖެހޭ މުހިއްމު ވަސީލަތައް ހިމެނޭނެ އެވެ.