ޤާނޫނު ތަންފީޒު ކުރެވޭނީ މޭޔަރުންނާއި، ކައުންސިލްތަކުގެ ރައީސުންނަށް ޤާބިލް މީހުން އިންތިޚާބް ކޮށްގެން – އެލްޖީއޭ

ލާމަރުކަޒީ ޤާނޫނަށް އަންނަ ބޮޑުބަދަލު ހެޔޮގޮތުގައި ތަންފީޒު ކުރެވިގެންދާނީ މޭޔަރާއި، ރަށްރަށުގެ ކައުންސިލް ރައީސުން އިންތިޙާބް ކުރުމުގައި ޤާބިލް މީހުންނަށް ފުރުޞަތު ދީގެން ކަމަށް އެލްޖީއޭއިން ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށާއި، ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެކެވެ. އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ދިނުމާއި، ރަށްރަށުގެ އިޚްތިޞާސް ބޮޑުކޮށް ފުޅާކުރުމާއި، މީގެކުރިން ރަށްރަށުން ދައުލަތަށް ލިބެމުދިޔަ އާމްދަނީ ސީދާ ކައުންސިލްތަކަށް ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

advertisement

ދައުލަތުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެންދޭ “ބަޖެޓް 2020” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަޙްމަދު ވިދާޅުވީ މިބަދަލަށް އެންމެބޮޑަށް ސަމާލުވާންޖެހެނީ ރައްޔިތުންކަމަށެވެ. ސަރުކާރުން ކައުންސިލްތަކަށް މާލީ ބޮޑު ބާރުވެރިކަމަކާއި، މާލީގޮތުން މަންފާލިބޭ އެތައްކަމެއް ކުރުމުގެ ބާރު ކައުންސިލްތަކަށް ދޫކޮށްލާއިރު މިކަންކަން ކުރެވޭނެ ޤާބިލްބަޔަކު އިންތިޙާބްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ކައުންސިލް ރައީސުންނާއި، އަތޮޅު ކައުންސިލަރުންނާއި، މޭޔަރުން ކަނޑައަޅާނީވެސް ރައްޔިތުންގެ ވޯޓަކުން ކަމަށްވާއިރު، މިކަމަށް ރައްޔިތުން ޙާއްސަ އިސްކަމެއް ދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިމަޤާމުތަކަށް ޤާބިލް ތަޢުލީމީ ބޭފުޅުން އައްޔަން ކުރެވިއްޖެނަމަ ކައުންސިލް ނިޒާމަށް މިގެނެވޭ ބަދަލު ހެޔޮގޮތުގައި ތަންފީޒު ކުރެވިގެންދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. މިފައިސާ ޚާއްޞަކޮށްފައި ވަނީ، ދައުލަތުގެ އާމްދަނީގެ 5 އިންސައްތައާއި ބިމު ކުލީގެ 40 އިންސައްތައާއި ރަށެއްގެ އިހްތިސާސްގައިވާ ހުރިހާ ތަނަކުން ލިބޭ ކުއްޔާއި އިތުރު ފީތަކުގެ 100 އިންސައްތަ ކައުންސިލްތަކަށް ދިނުމަށެވެ.

ޤާނޫނަށް އަންނަ ބަދަލާއެކު ސަރުކާރުގެ ވުޒާރާތައް މެދުވެރިކޮށް ކައުންސިލްތަކުން ފޯރުކޮށްދެމުންދާ މުނިސިޕަލް ޚިދުމަތްތައް ސީދާ ކައުންސިލްތަކުންކުރާ ގޮތަށް ބަދަލުވެގެންދާނެކަމަށް ޝަރީފްވިދާޅުވިއެވެ. މި ޚިދުމަތްތަކާއެކު ކައުންސިލްތަކަށް، މުނިސިޕަލް ފީތަކާއި، އާމްދަނީވެސް ލިބިގެންދާނެއެވެ. ޝަރީފް ވިދާޅުވީ ސަރުކާރުގެ އެކި ވުޒާރާތަކުން ކައުންސިލްތަކަށް މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ތެރެއިން 90 ޚިދުމަތެއް ސީދާ ކައުންސިލުން ކުރާގޮތަށް ހުށަހަޅާފައިވާނެކަމަށެވެ. ސަރުކާރުން ކައުންސިލްތަކަށް ހުށަހަޅާފައިވާ ބަޖެޓްގެ 5 އިންސައްތައަކި މިމަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވާ ފައިސާކަމަށް ޝަރީފް ވިދާޅުވިއެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ލާމަރުކަޒީ ޤާނޫނުނަށް ސަރުކާރުން ހުށައަޅާފައިވާ އިޞްލާޙުތަކާއި، ޤާނޫނު އަސާސީގެ ލާމަރުކަޒީބާބަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ. މަޖިލީހުން އަމާޒު ކަނޑައާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު މި މަސައްކަތްތައް ނިންމުމަށެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސ. ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފަށައިފި

ހުޅުމީދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރަތުގެ މަސައްކަތް ފަށައިފިއެވެ. ޖުލައި 11 ވަނަ ދުވަހު  މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ...

މީދޫ މަޖުދުއްދީން މަގުހެދުމުގެ މަސައްކަތް

މީދޫ  މަޖުދުއްދީންމަގު _ މިމަގުގައި ހުންނަ ނޫރަންފެހިން ފަށައިގެން އިރަށްގޮސް ޝަމްސުއްދީން ސްކޫލާއި ހަމައަށް ކާނު ހެދުމުގެ މަސައްކަތް ...

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގެ ފަހު ޖާގަ ޗެލްސީން ހޯދައިފި

އިނގިރޭސި އެފްއޭ ކަޕްގެ ފަހު ޖާގަ ޗެލްސީން ހޯދައިފި އެވެ. މިދިޔަ އަހަރުގެ ޔޫރަޕާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ...