އައްޑޫގައި ރިސޯޓް ތަރައްގީކުރަން ބިން ހިއްކަން ނިންމައިފި

އައްޑޫ ސިޓީގައި ރިސޯޓް ތަރައްގީކުރަން ބިން ހިއްކަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީގައި ހިންގާ ތަރައްގީގެ ބައެއް މަޝްރޫއުތަކަށާއި ރިސޯޓް ހެދުމަށް ބިން ހާއްސަކުރުމަށްޓަކައި 163 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފަ އެވެ. އެގޮތުން 90 ހެކްޓަރުގެ ބިން ހިތަދޫން ހިއްކާއިރު 38 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ހުޅުދު އާއި މީދޫންނެވެ.

އައްޑޫ ސިޓީގައި ރިސޯޓް ތަރައްގީކުރަން ބިން ހިއްކަން ނިންމާފައިވާކަން ހާމަކޮށްފައި މިވަނީ އައްޑޫގައި ރަށު ޓޫރިޒަމް ފުޅާކުރުމަށް 4000 އެނދު ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ޓޫރިޒަމް މިނިސްޓްރީއާއި އައްޑޫ ސިޓީ ކައުންސިލުން ސޮއި ކޮށްފައިވާ ވަގުތެއްގަ އެވެ.

މިމަޝްރޫއުގެ ދަށުން އައްޑޫގައި ހެދުމަށް ނިންމާފައިވާ ގެސްޓްހައުސްތަކަށް 5،000 އަކަފޫޓް އަދި ޓޫރިސްޓް ހޮޓާ ތަރައްގީކުރުމަށް 10،000 އަކަފޫޓްގެ ބިން ހާއްސަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ 4000 އެނދު ތަރައްގީކުރުމަށް ބިން ދޫކުރާއިރު ފުރަތަމަ ފިޔަވަހީގައި އައްޑޫ ރައްޔިތުންނަށް ހާއްސަކޮށްގެން ބިން ދޫކުރަން ކައުންސިލުން ނިންމާފައި ނުވާ ކަމަށެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ ތެރޭގައި ބިން ދޫކުރުމަށް އިއުލާންކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ކޮންސަލްޓެންސީ ހެދުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަ ލިމިޓެޑަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންނާއި ކޮންސަލްޓެންޓުން މިހާރު ވަނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.

Next: މަރަދޫފޭދޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާ މަރުވެއްޖެ