ގާނޫނާ ޚިލާފަށް ކަންތައްތަކެއް ކުރައްވާފައިވާނަމަ އެކުރެއްވި ކަމެއް ކުރެއްވީ ކުރީގެ ރައީސް ޔަމީން އަންގަވައިގެންކަމަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެވެ.
ގާނޫނާ ޚިލާފަށް ކަންތައްތަކެއް ކުރައްވާފައިވާނަމަ އެކުރެއްވި ކަމެއް ކުރެއްވީ ކުރީގެ ރައީސް ޔަމީން އަންގަވައިގެންކަމަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑްރީންގެ މައްސަލާގައި ބުރާސްފަތިދުވަހު ބޭއްވުނު ޝަރީއަތުގެ މަޖިލިހުގައި ދައުލަތުގެ ފަރާތުން ހެކިބަސް ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވުނު ޝަރީއަތުގެ މަޖިލިހުގައި ރައީސް ޔާމީން ކުރެއްވި ސުވާލަކަށް ޖަވާބް ދެއްވަމުންނެވެ.
ބުރާސްފަތި ދުވަހުގެ ޝަރީއަތުގެ މަޖިލިހުގައި ރައީސް ޔާމީނު ކުރެއްވި ސުވާލެއްގެ ޖަވާބްގައި އަނިޔާވެރި ސަރުކާރެއްގެ އަނިޔާތައް ތަޖުރިބާކޮށްފައިވާކަމަށް އަދީބު ވިދާޅުވުމުން ރައީސް ޔާމީންވަނީ އެއަނިޔާވެރި ކަމުގެ ސަބަބުން ހިތުގައި އެއްވެސްކަމެއް އެބައޮތްތޯ އަދީބާ އިތުރަށް ސުވާލުކުރައްވާފައެވެ. އަދީބު ވިދާޅުވީ އެމަނިކުފާނަށް އަނިޔާކުރީ ކޮންބައެއްކަން ނޭގޭކަމަށާ ނާއިންސާފުގެ ލިބުނު އަނިޔާތަކުގައި ބައިވެރިވި އެއްވެސް ފަރާތަކަށް ހިތްނުތަނަވަސްކަމެއްނެތްކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރައީސް ޔާމީނަށް ހިތުގެ އަޑިން މާއާފްކޮށްފިކަމަށްވެސް އަދީބު ވިދާޅުވިއެވެ.
ބުރާސްފަތިދުވަހުގެ ޝަރީަތުގެ މަޖިލިހުގައި އަދީބު ވިދާޅުވީ ޕީޕީއެމްގެ ނާއިބް ރައީސްކަމާ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ދުވަސްވަރު މައިގަޑުގޮތެއްގައި ކުރައްވާކަމަކީ ޕާޓީއަށް ފައިސާ ހޯއްދެވުމުގެ މަސައްކަތްކަމަށެވެ. އަދި އާއްމުކޮށް ފަންޑު ހޯއްދަވަނީ އިންތިޚާބު ބޯމަތިވުމުންކަމަށާ ކެމްޕެއިނަށް މީހެއްގެ އަތުން އެންމެ ގިނަވެގެންވެސް ލިބެނީ ލައްކައެއް ނޫނީ ދެލައްކައެއްހާ ރުފިޔާކަމަށް އަދީބު ވިދާޅުވިއެވެ. ނަމަވެސް 2014 ވަނަ އަހަރުނިމި 2015 އިން ފެށިގެން އިންތިޚާބެއް ނެތުމުން އެއްވެސް ކެމްޕެއިން ފައިސާއެއް އަދީބު އަތުގައި ނުހުންނަވާނެވެސް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވީ ފިނިމެންމާ ލޯންޗް ގޮއްވާލި ދުވަސްވަރު އެމްއެމްޕީއާރުސީގެ ފައިސާގެ ކަންކަމުގައި ވަރަށްގިނައިން ރައީސް ޔާމީން ގުޅުއްވިކަމަށެވެ.
ބުރާސްފަތިދުވަހުގެ ޝަރީއަތުގެ މަޖިލިހުގައި އަދީބު ވިދާޅުވީ ބޮޑުމުއްލާ މައްސަލާގައިވެސް ރައީސް ޔާމީން ގުޅުއްވިކަމަށާ ބޮޑު މުއްލާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތަކުގައިވެސް ރައީސް ޔާމީން ގުޅުއްވިކަމަށެވެ. އަދި ތަހުގީގުގައި ސުވާލުކުރެއްވީ އެސްއޯއެފްގެ ފައިސާއަކީ ކެމްޕެއިންގެ ފައިސާތޯކަމަށާ އޭގެ ޖަވާބުގައި އެސްއޯއެފްއިން ކެމްޕެއިން އެއްވެސް ފައިސާއެއް ޖަމާނުކުރާކަމަށް ވިދާޅުވެފައިވާނެކަމަށްވެސް އަދީބު ވިދާޅުވިއެވެ.
ހެކިބަސް ދިނުމުގައި އަދީބުގެ މައްޗަށް އެއްވެސް ނުފޫޒެއްއޮތްތޯ ރައީސް ޔާމީނުގެ ފަރާތުން ވަކާލާތުކުރައްވާ އަލީ ޝާހު ސުވާލުކުރެއްވުމުން އަދީބު ވިދާޅުވީ ޝަރީއަތުގައި ދައްކާ ވާހަކަތަކެއްގެ ސަބަބުން އިތުރު ހުކުމްތަކެއް އަޔަސް އެމަނިކުފާނު ހެކިބަސް ދެއްވަނީ އެއްވެސް ނުފޫޒެއްނެތިކަމަށާ ރަށްޔިތުންނަށް ކަންކަން ސާފްކޮށްދެއްވަން ބޭނުންފުޅުވެގެންކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނުގެ ތަހުގީގަށް ދައުލަތަށް އެއްބާރުލުންދީފައިވާނޭކަމަށާ އެެހެންނަމަވެސް އެއެއްބަސްވުމުގައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމުގެ ވާހަކައެއް ނޯންނާނެކަމަށް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނުގައި ބައިވެރިވިކަމަށް އިއުތިރާފްވެފައިވެސް ނޯންނާނެކަމަށެވެ.
ރައީސްޔާމީނުގެ އެކައުންޓުން އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ޖަމާކުރުމުގެކުރީން އެފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާކަން ރައީސް ޔާމީނަށް އެގިވަޑައިގަންނަވާނެކަމަށްވެސް އަދީބު ވިދާޅުވިއެވެ.
އެސްއޯއެފްްގެ މީހުން ރައީސް ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާކުރަން ބޭންކަށް ދިއުމުން ބޭންކު މެނޭޖަރުވެސް ޔާމީނަށް ގުޅުއްވިކަމަށާ އެހެންނަމަވެސް ބޭންކު މެނޭޖަރު ރައީސް ޔާމީނާ ގުޅުއްވިވާހަކަ ބުނީ އެސްއޯއެފްގެ މީހުންކަމަށް އަދީބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ފައިސާއާއިބެހޭގޮތުން ރައީސް ޔާމީން ގުޅުއްވާ އެފައިސާ އެކައުންޓުތަކަށް ޖަމާކުރުމަށާ އޭގެ ތެރެއިން ބައެއް ފައިސާ ޔާމީނުއަތްޕުޅަށް ގެެނެސް ދިނުމަށް އޯޑަރުދެއްވިކަމަށްވެސް އަދީބު ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީން ވިދާޅުވި އެކައުންޓަކަށް އެފައިސާ ޖަމާކޮށްދެއްވާ ރައީސް ޔާމީނަށް އެފައިސާ ގެންގޮސްދެއްވާފައިވާނޭކަމަށްވެސް އަދީބު ވިދާޅުވިއެވެ.