ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ސިވިލްކޯޓްގެ އަމުރާއި ގުޅިގެން ހޯދަމުންދަނީ ސ. މީދޫ، ފްލާވަރމީޑް، ޝަމްޝީރު ރިޟްވާން (43އ) އާއި ގ. ސިނަމާލެ 2-04-14، އަޙްމަދު ފަޔާޟް (53އ) އާއި ސ. ހިތަދޫ، ހިރިދަތިމާގެ، އަޙްމަދު ޝަރީފް (32އ) އެވެ.
މި ތިން މީހުންގެ ތެރެއިން ޝަމްޝީރު ރިޟްވާން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮގަސްޓް 21 ވަނަ ދުވަހުގެ 11:30 އަށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
އަޙްމަދު ފަޔާޟް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮގަސްޓް 21 ވަނަ ދުވަހުގެ 09:00 އަށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ. އަދި އަޙްމަދު ޝަރީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮގަސްޓް 21 ވަނަ ދުވަހުގެ 10:45 އަށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
ވީމާ މި ތިން މީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި އެކަމާބެހޭ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.