މިނިވަންކަޕް ފުޓްސަލް މުބާރާތް: ބްރޫޕްބީން ސެމީއަށް ގައުމު ، ކްއާޓާފައިނަލަށް ތައްލިއާއި އޭޓީ

މިނިވަންކަޕް  ފުޓްސަލް މުބާރާތް 2019  ގެ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ގައުމު އެފްސީ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ގައުމު އެފްސީ ގްރޫޕްބީގެ އެއްވަނަޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވުނީ ގްރޫޕް ބީގެ އެންމެ ފަހުމެޗްގައި ވައިކިންގުއާއި ބައްދަލުކޮށް ކުޅުނުމެޗް 5 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅެވުނު މިމެޗްގައި ގައުމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ވިޝަލް ކާމިޔާބުކޮށްދީފައިވާއިރު ވައިކިންގު ކުޅުންތެރީންނަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ލިބިފައިވެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ފުރުސަތެއް ފުރަތަމަ ހާފް ނިމުނުއިރުވެސް އެޓީމުގެ ކުޅުންތެރީންނަށް ކާމިޔާބު ނުކުރެވުނެވެ.

މިމެޗްގެ 2 ވަނަ ހާފްގެ ކުޅުންފަށައިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ވައިކިންގުންވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފާތިހު ހަސަންއެވެ.

ވައިކިންގުން ލަނޑެއް ކާމިޔބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކުރުމުން ގައުމުގެ ކުޅުން ވަރަށް ބޮޑުތަން ރަގަޅުކޮށް ފަހުހާފްގެ ކުޅުން ނިމުމުގެ ކުރީން އެޓީމުންވަނީ އިތުރު 4 ލަނޑުޖަހާ މެޗްގެ ނަތީޖާ 5 -1 އަށް ބަދަލުކޮށްފައެވެ. ގައުމުން ފަހުހާފްގައި ކާމިޔާބުކުރި 4  ލަނޑު ކާމިޔާބުކޮށްދިނީ ސަބާހު ، އަކުރަމް އަބްދުއްރަޝީދު ، ހަސަމް އަބްދުއްސަމަދު އަދި ވިޝާލްއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ގައުމު ޓީމުގެ އަކުރަމް އަބްދުއްރަޝީދަށް މޭންއޮފްދަމެޗްގެ ޓްރޮފީ ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރިމެހްުމާނު ސ.އަތޮޅުމަދަރުސާގެ ލީޑިންގ ޓީޗަރ އަޝްރަފެވެ.

މިމެޗުން ގައުމު މޮޅުވުމުން އެޓީމަށް 4 މެޗުން 10 ލިބި ގްރޫޕްގެ 1 ވަނަ ލިބިފައިވާއިރު ،  މިގްރޫޕުން ދެވަނައަށް ހޮވުނު މިދިޔަ އަހަރުގެ ޗެމްޕިއަން ތައްލިހިއަށް ލިބިފައިވަނީ 8 ޕޮއިންޓެވެ.  މިގްރޫޕުގެ 3 ވަނައަށް ހޮވުނު އޭޓީއަށް 7 ޕޮއިންޓް ލިބިފައިވާއިރު ކެނެރީފަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

ގްރޫޕް ބީގެ އެއްވަނަ ޓީމެއްގެ ގޮތުގައި ގައުމު ސެމީފައިނަލަށް ހޮވުނުއިރު މިބްރޫޕްގެ 2 ވަނަޓީމަކަށް ހޮވުނު އެންމެފަހުގެ ޗެމްޕިއަން ތައްލިހިއާއި 3 ވަނަ ޓީމަކަށް ހޮވުނު އޭޓީވަނީ ކްއާޓާފައިނަލަށް ހޮވިފައެވެ.

Next: މިނިވަންކަޕް ފުޓްސަލް މުބާރާތް 2019: ގްރޫޕް އޭގެ 1 ވަނަޓީމްގެ ގޮތުގައި ރިސޯޓްބޯއިސް ސެމީފައިނަލަށް