ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުންދިނުން ބޭއްވިފައިވަނީ  މިއަދު ހަވީރު ޝަމްސުއްދީން ސްކޫލްގައި  އެކަމަށް ހާއްސަކޮށްބޭއްވި ޖަލްސާގައެވެ. މިޖަލްސާގައި  ކެޑޭޓުންނަށް އިގުރާރު ކެޕްޓަން މުހައްމަދު ހާފިޒު ލާ ދެއްވާފައިވާއިރު ކެޑޭޓުންގެ އަޒުމް ލާދެއްވާފައިވަނީ ކެޕްޓަން އާމިނަތު ސަލްމާއެވެ.

އިގުރާރު ލައިދިނުމުގެ ކުރިން މީދޫ މެޖިސްޓްރޭޓް ކޯޓްގެ ފަޑިޔާރު އައްޝެއިޚް މުހައްމަދު ޠައްޔިބު ވަނީ  އިސްލާމްދީނުގައި ހުވާގެ މުހިންމުކަމާއި ބެހޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފައެވެ.

މިއަދުގެ ޖަލްސާގައި މަގާމްގެ ކުރިއެރުން ލިބުނު ކެޑޭޓުންނާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިއަދުގެ ޖަލްސާގެ ޝަރަފުވެރި މެހެމާން ދިވެހިރާއްޖޭގެ ގައުމީ ކެޑޭކޯގެ ޑިރެކްޓަރ ޖެނެރަލް ، ބްރެގޭޑިއަރ ޖެނެރަލް އަހުމަދު އިޝާންއާއި ކެޕްޓަން މުހައްމަދު ހާފިޒެވެ.

އަދި މީގެ އިތުރަށް ކެޑޭޓް އަދި ބޭންޑް ލީޑަރުންނާއި މަގާމް ހަވާލްކޮށްދެއްވީވެސް މިއަދުގެ ޖަލްސާގެ ޝަރަފްވެރިމެހުމާނު ދިވެހިރާއްޖޭގެ ގައުމީ ކެޑޭކޯގެ ޑިރެކްޓަރ ޖެނެރަލް ، ބްރެގޭޑިއަރ ޖެނެރަލް އަހުމަދު އިޝާން އެވެ.

މިއަދުގެ ޖަލްސާގައި ޝަންސުއްދީން ސްކޫލްގެ ޕްރިންސިޕަލް  ސުލްޠާނު ރާމިޒު ވާހަކަ ދެއްކެވިއެވެ. އެބޭފުޅާގެ ވާހަކަފުޅުގައި  ކެޑޭޓުންގެ ކިބައިގައި ހުންނަޖެހޭ ސިފަތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކެޑޭޓުންނަކީ ސިއްހީގޮތުން ދުޅަހެއޮ ބަޔަކަށް ވާންޖެހޭކަމަށާއި އަދި ހިއްވަރާއި ފަންވަރުގެ ގޮތުން އަދި ތައުލީމީ ގޮތުން އެހެންކުދިންނަށްވުރެ މޮޅުބަޔަކަށް ވާން މަސައްކަތްކުރަން ޖެހޭބައެއް ކަމަށް  ސުލްޠާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގެ ޝަރަފުވެރި މެހެމާން ދިވެހިރާއްޖޭގެ ގައުމީ ކެޑޭކޯގެ ޑިރެކްޓަރ ޖެނެރަލް ، ބްރެގޭޑިއަރ ޖެނެރަލް އަހުމަދު އިޝާން  ދެއްކެވި ވާކަފުޅުގައި ބޮޑަށް އަލިއަޅުއްވާލެއްވީ ކެޑޭޓުންގެ ގައުމީ ވާޖިބުގެ މައްޗަށެވެ. އެގޮތުން ކެޑޭޓުންނަކީ ވަރަށްމުހިންމު ގައުމީ ވާޖިބެއް އަދާކުރަން ޖެހޭ ބައެއް ކަމަށާއި ދީނާއި ގައުމަށްޓަކައި ފުރާނަދުއްވާލަންޖެހުނަސް އެކަމަށްފަސްނުޖެހި ނުކުންނަން ޖެހޭބަޔަކަށް ވާންޖެހޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިއަދު އިގުރާރުވި ކެޑޭޓުންނަކީ ޝަމްސުއްދީން ސްކޫލްގެ   4 ވަނަ ކެޑޭޓް ބެޗެވެ.

މިއަދުގެ ޖަލްސާގައި ޝަމްސުއްދީންގެ ކެޑޭޓުން ހަރަކާތްތައް  ކުރިއަށް ގެންދިއުމުގައި  އެކިއެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޝަމްސުއްދީން ސްކޫލްގެ ފަރާތުން ޝުކުރު ދަންނަވާފައިވެއެވެ.

Next: ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުންގެ ތެރެއިން މަގާމުގެ ކުރިއެރުން ދެވުނު ކެޑޭޓުން