ފިތުނަ އުފެއްދުމާއި ސޯޝަލް މީޑިއާ

އިންޓަރނެޓަކީ މިއަދު އެއާ ނުލައި ދިރިއުޅެން އުނދަގޫވެފައިވާ ވަޞީލަތެކެވެ. ރާއްޖެއާއި ބޭރުދުނިޔޭގައި އަދި  ޚާއްޞަގޮތެއްގައި ކިޔަވާކުދިންނާއި މަސައްކަތުގެ ދާއިރަތަކުގައި އުޅޭ މީހުންނަށް މިއަދު އިންޓަރނެޓަކީ ވަރަށް މުހިއްމު ވަޞީލަތަކަށްވަނީ ވެފައެވެ.

މިގޮތުން އިންޓަރނެޓް ބޭނުންކުރާ މީހުން ، މީހުންގެ ސަމާލުކަން ހޯދުމަށް ބޭނުންކުރާ އެކައްޗަކީ ސޯޝަލް ނެޓްވޯކް ތަކެވެ. އެގޮތުން ވީޗެޓް، ޓެލެގްރާމް، އިންސްޓާގްރާމް،ފޭސްބުކް، ޓުވިޓާ، ގޫގުލް ނުވަތަ ވައިބާ ފަދަ ސޯޝަލް ނެޓްވޯކްތައް ބޭނުން ކުރުމަކީ ދިރިއުޅުމުގައި ބައެއް ކަމުގައި ވަނީ ވެފައެވެ. އެއީ މި ޚިދުމަތުގެ ސަބަބުން ދޭދޭ މީހުންގެ މެދުގައި ގުޅުން ބަދަހިވެ ޚަބަރުތައް ފަސޭހައިން، އަވަސް ކަމާއިއެކު ފޯރުކޮށް ދިނުމުގެ މަގަކަށް މި ޚިދުމަތް ވެގެން ގޮސް ފައިވާތީއެވެ.

އެހެން ނަމަވެސް އަޅުގަޑުމެންގެ ތެރެއިން ބައެއް ފަރާތްތަކުން މިޚިދުމަތް ނާޖާއިޒް ގޮތުގައި ބޭނުން ކުރަމުންދާތަން ފެންނަމުން އެބަދެއެވެ. މިގޮތުން އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ ބޭނުން ކުރަމުންދަނީ މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެއްދުމަށް ބޭނުންކުރާ ހާއްޔެއްގެ ގޮތުގައެވެ.

ފިތުނައިގެ ނުބައިކަމާބެހޭގޮތުން މިދިޔަ ހަފްތާގެ ( 5 ޖުލައި 2019 ވަނަ ދުވަހުގެ ) ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ އެއީ ހިތަށާއި ސިކުނޑިއަށް ޖެހޭ މުސީބާތަކަށް ވާތީ، ފިތުނައިގެ ސަބަބުން ކެތްތެރި މީހާ ވެސް އާވާރާވެ، މަގުއޮޅި ،ރުޅިގަދަވެ ޒުވާބު ގިނަވާ ކަމަށެވެ. އަދި ފިތުނައިގެ ސަބަބުން އެތައް މީހުން އިންސާފުން ބޭރުވެ، ކަންބޮޑުވެ، ހާސްވެ، ކުރާނެ ނުކުރާނެ ކަމެއް ނޭނގި ހަލާކުވެ ގޮސްފައިވާ ކަމަށްވެސް ހުކުރު ހުޠުބާގައި ވިދާޅުވެފައިވެއެވެ.

ހުކުރު ޚުޠުބާގައި މިގޮތައް ވިދާޅުވެފައިވާއިރު  އަޅުގަޑުމެން މިވަނީ އެތަކެއް ފިތުނަތަކެއްގެ ތެރޭގައި އުޅެން މަޖުބޫރުވެފައެވެ. މިއީ އަޅުގަނޑުމެން އަމިއްލަ އަތްތަކުން ކުރަމުންދާ ކަންތައްތަކުގެ ހިތި ނަތީޖާއެވެ. މިއަނދަވަޅުން އަރައިގަނެވޭނީ އަޅުގަޑުމެންގެ އަމިއްލަ ނަފްސު އިސްލާޙު ކޮށްގެންނެވެ.

އާދެ، މީހުންގެ ތެރޭގައި ތިމާއަކީ މަގުބޫލް މީހަކަށް ވުމުގެ ބޭނުމުގައި ފިތުނަފަސާދަ އުފެދޭކަހަލަ ދޮގުވާހަކަތައް  ސޯޝަލް މީޑިއާގައި ހާމަކުރުމަކީ މަގްބޫލުކަން ލިބޭ ކަމެއްނޫނެވެ. އަދި ކިއެއްތަ، އެއީ ވަޒީފާއާއި މަގާމުން އަދި ފައިސާއިން ލިބިގަނެވޭނޭ އެއްޗެއްނޫނެވެ. އިސްލާމީ ތަރަހައިގެ ތެރެއިން ބޭރުވެ މީހުންގެ ތެރޭގައި މަގުބޫލް މީހަކަށް ވުމަށް ފިތުނަ ފަސާދަ އުފެދޭގޮތައް ސޯޝަލް މީޑިއާގައި ދޮގުވާހަކަ ފަތުރާ މީހުންނަށް ވަގުތީ އުފަލެއް ލިބިގެންގޮސްފާނެއެވެ.

ސޯޝަލް މީޑިއާގެ ބޭނުން ނަހަމަގޮތުގެ ހިފުމުގެ ސަބަބުން އޭގެ ގެއްލުން އަގުނުކުރެވޭހާ ބޮޑުވެ މުޖުތަމައުގެ ހަމަޖެހުން ގެއްލޭފަދަ ވަސީލަތެކަށްވެސް ސޯޝަލް މީޑިއާ މިއަދު ވަނީ ވެގެންގޮސްފައިވެއެވެ. މިގޮތުން ބައެއް މީހުން ސޯޝަލް މީޑިއާ ބޭނުންކުރާ އުސޫލަކީ ‘އަޑުގަދަ މީހާގެ ރުއްގިނަވާ’ އުސޫލެވެ. އަމިއްލަ މީހާއަށް ކުރެވިފައިވާ އަދި ކުރެވޭ ކަންތައްތައް ހަނދުމަނެތިކޮށް، އެހެން މީހުންގެ އަބުރަށް އަރައިގަންނަން ދޮގު ވާހަކަ ފެތުރުމަކީ  މިބައިމީހުންގެ ސުންނަތެކެވެ.

 

Next: އަދުގެ ޒުވާން ޖީލު ކުށުގެ ވެއްޓަށް ހުށަހެޅޭ ސަބަބުތަކާމެދު ވިސްނާލަމާތޯ