ޔުނައިޓެ ނޭޝަންސް ސްޕެޝަލް ރެޕަޓުއަ އިން ދަ ފީލްޑް އޮފް ކަލްޗަރަލް ރައިޓްސް ކަރީމާ ބެނޫން މީދޫއަށް ޒިޔާރަތްކޮށްފިއެވެ.
ކަރީމާ ބެނޫން އިއްޔެ މީދުއަށް ވަޑައިގެންނެވުމަށްފަހު ޗޭނު ޖަމްއިއްޔާއިން ހިންގަމުންދާ ކާޑުގެއަށާ ކޯގަންނު ގަބުރުސްތާނު ، އަދި ރާފަޅާބީޗާއި ދެވަނަ ބޮޑުހަގުރާމައިގެ ދުވަސްވަރު މީދޫ ކަޅިބިއްފަރާތުގައި އިގިރޭސިން ބޮޑު ބަޑި ބެހެއްޓި ސަރަހައްދަށް ޒިޔާރަތްކޮށް އެތަންތަން ބައްލަވާ ލައްވާލައްވާފައިވެއެވެ.
އަދި މީގެ އިތުރަށް ކަރީމާ ބެނޫން އިއްޔެ މީދޫއަށް ކުރެއްވި މިޒިޔާރަތުގައި މީދޫގެ ބައެއް ޖަމްއިއްޔާތަކުގެ އިސްމެމްބަރުންނާއިވެސް ބައްދަލުކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކަރީމާ ބެނޫން ރާއްޖެއަށް ކުރައްވާ މިދަތުރު ފުޅަކީ ރާއްޖޭގައި ސަގާފީ ހައްގުތައް ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަށް ކުރައްވާ ދަތުރު ފުޅެކެވެ.
ކަރީމާ ބެނޫން ވިދާޅުވީ ރާއްޖޭގައި ސަގާފީ ހައްގުތައް ލިބިދީފައިވާ މިންވަރު ދެނެގަނެ ގާނޫނާއި ސިޔާސަތުތަކުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެނެގަންނަން ބޭނުންވާކަމަށެވެ. އަދި ސަގާފީ ހައްގުތަކުގެ އޮނިގަނޑު ބިނާވެފައިވާ އިންސާނީ ހައްގުތަކުގެ ހަމަތަކަށް ރާއްޖެއިން ހުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި ކަލްޗަރަލް ޑައިވަރސިޓީ އާއި ސަގާފީ ހިޔާލު ފާޅުކުރުމަށް އިހްތިރާމްކޮށް އެކަން ކުރިއަރުވާ މިންވަރު ދެނެގަނަނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ދީނީ ހަރުކަށި ފިކުރުތަކުގެ ސަބަބުން ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތައް ސަގާފީ ހައްގުތައް ލިބިގަތުމަށާއި ތަފާތުކުރުމެއްނެތި އާއްމު ތަންތަނުގައި އެފަދަ ހަރަކާތްތައް ހިންގައި ބައިވެރިވުމަށް ހުރި ގޮންޖެހުތަކަކީ ކޮބައިތޯ ތަހްގީގްކުރުމަށް ވަނީ ނިންމާފައެވެ.
ކަރީމާގެ ދަތުރުފުޅުގައި ރާއްޖެގޭ ހާއްސަ ހާލަތަށް ވިސްނައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ސަގާފަތަށާއި ސަގާފީ ތަރިކައަށް ކުރާ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތަށް މުރާޖާ ކުރުމަށްވަނީ ހަމަޖެހިފައެވެ.
އަދި މޫސުމަށް އަންނަ ބަދަލާއި ގުޅިގެން މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ސަގާފަތާ ފަންނުވެރިކަން ބޭނުންކުރާ މިންވަރުވެސްދެނެގަންނާނެއެވެ.
ޔޫއެން ސްޕެޝަލް ރެޕަޓުއަ އިން ދި ފީލްޑް އޮފް ކަލްޗަރަލް ރައިޓްސްގެ މަގާމަށް ކަރީމާ ބެނޫން އައްޔަން ކޮށްފައިވަނީ އޮކްޓޯބަރު 2015 ގައެވެ.
މިއީ 2013 ގެ ފަހުން ރާއްޖެއަށް ޔޫއެންގެ ސްޕެޝަލް ރެޕްޓުއައެއް ވަޑައިގަންނެވި ފުރަތަމަ ފަހަރެވެ.