އައްޑޫސިޓީން އެމްޑީޕީއަށް ރަށްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މެޖޯރިޓީ ދިނީ އައްޑޫސިޓީއަށް ހައްގު މިންވަރު ހޯދާ ދިނުމަށްކަމަށާ އެކަން ނުވެއްޖެނަމަ އެއީ ރަށްޔިތުން ވަރަށްބޮޑަށް މާޔޫސްވާނޭކަމެއްކަމަށް ފޭދޫދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެވެ.
ނިހާދު މިހެން ވިދާޅުވީ ސަންގުޓީވީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަންގުޓީވީގެ ޚަބަރުގެ ފަހުން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ އެމްޑީޕީއަށް އައްޑޫސިޓީގެ މެޖޯރިޓީ ދިނީ ވަރަށްބޮޑު އުއްމީދަކާއެކުގައި ކަމަށެވެ. އެކަން ފުރިހަމަ ނުވެއްޖެނަމަ އޭނާއާއި މުޅި އެމްޑީޕީވެސް ފެއިލްވާނެކަމަށް ގަބޫލް ކުރައްވާކަމަށް ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ އައްޑޫސިޓީއަކީ ޒަމާނުއްސުރެ ރަށްޔިތުން ބޭނުންވި މިންވަރަށް ތަރައްގީކުރުމުގައި ސަރުކާރުތަކުން އިހުމާލުވެފައިވާ ތަނެއްކަމަށެވެ. އެހެންނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫސިޓީއަށް މުހިއްމު އެތައް ޕްރޮޖެކްޓްތަކެއް ގެނެސްދެއްވިކަމަށް ނިހާދު ފާހަގަކުރެއްވިއެވެ.
މިދިޔަ ސަރުކާރުން އައްޑޫސިޓީގެ ޕްރޮޖެކްޓްތަކެއް ހިންގިނަމަވެސް އެކަށީގެންވާ ބާރުމިނެއްގައި އެޕްރޮޖެކްޓްތައް ހިންގާފައިނުވާއިރު އެފަރާތުން މަސައްކަތްކުރީ ކޮރަޕްޝަނާ ފަސާދަ އައްޑޫގައިވެސް ފަތުރަންކަމަށް ނިހާދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެމްޑީޕީން މަސައްކަތްކުރާނީ އައްޑޫސިޓީ އެދޭ ހަގީގީ ތަރައްގީ ގެނެސްދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.