ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް ކާމިޔާބުކޮށް ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޓީމް އަލްފައިން ޖެހިލައިފިއެވެ.
ފޭދޫ ވޮލީ ކޯޓްގައި ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނު މެޗް ޓީމް އަލްފައިން ކާމިޔާބުކޮށްފައިވަނީ ޓީމް ގަރާޖާއި ބައްދަލުކޮށް ސީދާ 3 ސެޓުންނެވެ. މިމެޗުން ޓީމް އަލްފައިން މޮޅުވުމުން 4 މެޗު ކުޅެގެން އެޓީމަށް 8 ޕޮއިންޓް ލިބިގެން މިވަތު އެޓީމު އޮތީ ޕޮއިންޓް ޓޭބަލްގެ އެއްވަނާގައެވެ.
އެފްއޭއެމްއިން މިދިޔައަހަރު ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކޯޗްގެ މަގާމަށް ހޮވުނު ޓީސީގެ ކޯޗް މުހައްމަދު ނިޒާމާއި ފުޓްބޯޅައިގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ސިޓީ ފިއުލް ސަޕްލައިގެ އެމްޑީ ލުޠުޕީ ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޭންއޮފްދަ މެޗަކަށް ޓީމް އަލްފައިންގެ އިބްރާހިމް މޫނިސް ހޮވުނުއިރު މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޓީމް އަލްފައިންގެ މަލްދާ މަސްސޫދެވެ.
ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.
ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.