” އަޅުގަޑުމެން މާކުރީން ބުނީމެއް ނޫންތޯ ޕީޕީއެމް ފެއިލް ވެއްޖޭ . މިއަދު އެބޭ ފުޅުން ވިދާޅުވަނީ އާނ ހަމަތެދެކޭ މުސްތަގުބަލެއްނެތޭ . އާޕާޓީއެއް އުފައްދަންވީއޭ . އެހެން ވީމާ އަޅުގަޑު ބެޓްކޮށްފައި މިބުނަނީ 6 މަސްދުވަހުން 3000 ފޯމް ހަމަކޮށްފިއްޔާ ދެން އަޅުގަޑު ބުނާނަން ހައިރާންކަމާއެކު އާނ ހަމަކުރީ ދޯ. އެކަމަކު ބެޓް ކޮށްފައި މިބުނަނީ 3 މަސް 6 މަސް ކީއްކުރަން އަހަރަކުންވެސް ތިޔަބުނާ ޕާޓީއަކަށް 3000 ފޯމް ހަމަކޮށްގެން މިފަދަ ޖަލްސާއެއް ނުބޭއްވޭނޭ ”
މިއީ މީގެ ދެތިން ދުވަސްކުރީން މަޖިލިހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ދެއްކެވިވާހަކައެވެ. މިވާހަކަތަކަށް ޕީޕީއެމްގެ އެތައް ފާޑުކިއުމެއް އަމާޒުވިއެވެ. މިގޮތުން ޕީޕީއެމް ދޫކޮށް އެމްޓީޑީއަށް ބަދަލުވި އެމްޕީ ޔާމީން ރައީސް ޔާމީނާ ކުރެއްވި އެޗެލެންޖަކީ ސިޔާސީ މައިދާނުގައި ހިގާކަންކަން އެމްޕީ ޔާމީނަށް ނޭގޭތީ ދެއްކި ވާހަކަތަކެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔައެވެ.
ޕީއެންސީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން 27 ޑިސެމްބަރުގައި ދީފައިވަނީ ޕީޕީއެމްގެ ކުރީގެ ނާއިބް ރައީސް އަދި ރަށްޔުތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއް ރަހީމަށެވެ.
އަބްދުއް ރަހީމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޕީއެމްސީ އުފައްދަން ހުއްދަ ލިބުނުތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޕާޓީއެއް އުފައްދަން ބޭނުންވާ އަދަދަށް މެމްބަރުން އެޕާޓީއަށް ސޮއިކޮށްފައިވާކަމަށެވެ. އެމްޕީ ޔާމީނަށް ހަގީގީ ފާޑުކިއުމާ ކުރިމަތިލާން ޖެހުނީ އެހާ ހިސާބަކީއެއީއެވެ.
އެމްޕީ ޔާމީން އެހެން ވިދާޅުވިނަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސިޔާސީ ހަޔާތަށް ބަލާލާއިރު އެންމެ 3000 ފޯމް ހަމަވެދާނެކަމާމެދު ސުވާލު އުފެއްދުމަކީ ޖޯކެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އެމަނިކުފާނު ސިޔާސީ ދާއިރާއަށް ނިކުމެ ވަޑައިގަތީ އެއްބަފާ ބޭބޭފުޅު މައުމޫނު އަބްދުލްގައްޔޫމުގެ އެހީތެރިކަމާ މަދަދާއެކުގައެވެ. މައުމޫނުގެ ސަރުކާރުން ސިޔާސީ ދާއިރާއަކަށް ނިކުންނެވި ރައީސް އަބްދުﷲ ޔާމީންވަނީ ބޮޑެތި މަގާމްތައް ފުރުއްވާފައެވެ.
ރައީސް ޔާމީންގެ ސިޔާސީ ހަޔާތްފުޅަށް ބަލާލާއިރު ޕީއޭގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވާ އެޕާޓީ ކުރިއަށް ގެންދިޔަތަން ފެނިގެން ގޮސްފައިވެއެވެ. އެހެން ނަމަވެސް އޭގެފަހުން ފެނިގެންދިޔައީ ރައީސް ޔާމީން ޕީއޭ އުވާލާ ޕީޕީއެމްއާއި ގުޅިވަޑައިގެން ކޯލިޝަން ޕާޓީތަކާއެކު 2013 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިތަނެވެ. އޭރު ޕީޕީއެމްގެ މުޝްތަޝާރެއްގެ ގޮތުގައި ހުންނެވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ. އެހެން ނަމަވެސް އެދެބޭފުޅުންގެ ދޭތެރޭ އެތައް މައްސަލަތަކެއްޖެހި އޭގެ ފެނިގެން ދިޔައީ ޕީޕީއެމްގެ މުޝްތަޝާރަށް އެމަނިކުފާނު ވެގެން ދިތަނެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމަޔަށް އައިއރު ބައެއް މީހުން ބުނަމުން ގެންދިޔައީ ރައީސް ޔާމީގެނުގެ ސަރުކާރުން އެތައް ގިނަކަންތައްތަކެއް ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔައީ ޔާމީނުގެ ސަރުކާރުން މިރާއްޖޭގައި މާކަގިނަ ކަންތައްތަކެއް ކުރިއަށް ގެންގޮސްފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި ފެނިގެންދިޔައީ ގައުމު ކޮރަޕްޝަނުގެ ހާއްޔަކަށް ވެގެންދިޔަތަންކަމުގައި ބުނެ ފާޑުކިއުންތައް އަމާޒުވިއެވެ.
މިހެން ވާހަކަތައް ހުރިއިރު ދެންފެނިގެންދިޔައީ ރައީސް ޔާމީނު އެއްވެސް ޕާޓީއަކާނުލާ 2018 ގެ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރެވިގެންދިޔަ ތަނެވެ. މިގޮތުން ރިޔާސީ އިންތިޚާބުގައި އިދިކޮޅު ހުރިހާ ޕާޓީތަކާ ދެކޮޅަށް ނުކުމެ ވަޑައިގެން 96000 ވޯޓް ރައީސްޔާމީންވަނީ ހޯއްދަވާފައެވެ. އެހެންކަމުން އިދިކޮޅު 4 ލީޑަރުންނާ ވާދަކުރައްވާ 96000 ވޯޓް ހޯއްދެވި ބޭފުޅަކަށް އަލަށް ޕާޓީއެއް އުފައްދައިގެން 3000 ފޯމް ނުހޯއްދެވެންވީ އެއްވެސް ސަބަބެއް އެބައޮތްތޯއެވެ.
މިހެން ދަންނަވާލަން މިޖެހުނީ މިޑިސެމްބަރ 24 ވަނަ ދުވަހުގެރޭ އެމްޓީޑީ އިފްތިތާހުކުރުމަށް އެޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޓީޑީގެ މިހާރުގެ ނާއިބްރައީސް ޔާމީން ރަޝީދު ރައީސް ޔާމީނާއި ޗެލެންޖް ކުރައްވާ 3 މަސް ކީއްކުރަން 6 މަސް ދުވަސްތެރޭގައިވެސް ރައީސް ޔާމީނަށް 3000 ފޯމް ހަމަ ނުކުރެވޭނެކަމަށް ބުނެފައެވެ.
ޕީޕީއެމްއަކި ސައްހަ މެމްބަރުންގިނަ ސިޔާސީ ޕާޓީއަށްވާއިރު ޕީއެންސީއަށް އެމެމްބަރުނަ ނުވަދެވެންވީ އެއްވެސް ސަބަބެއްނެތެވެ. ޕީޕީއެމްގައި ތިބީ ރައީސް ޔާމީނުގެ ފިކުރަށް ތާއީދުކުރާ މީހުންކަމުގައިވާނަމަ ހަފްތާއެއްގެ ތެރޭގައި 20000 މީހުން ޕާޓީއަށް ވަނުމުން އެވާނީވެސް މަދު އަދަދަކަށެވެ. ސަބަބަކީ ރިޔާސީ އިންތިޚާބްގެ ކުރީން ޕީޕީއެމްއިން ބޭއްވި ބޮޑު ޖަލްސާއަށްވެސް 30000 ހާސް މީހުންދިޔަކަމަށް ޕީޕީއެމްއިން ފާހަގަކޮށްފައިވުން . ކަން މިހެން އޮތްއިރު ޕީއެންސީގެ އަމާޒަކީ ރާއްޖޭގައި ސިޔާސީ ޕާޓީއަކަށް މީހުން ސޮއިނުކުރާހާ ގިނަ އަވަސް މުއްދަތެއްގެ ތެރޭގައި އެޕާޓީއަށް މީހުން ވެއްދުންކަމަށް ޕީއެންސީން ބުނެއެވެ.