ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް ޓީމް ޗެލެންޖާސް ކާމިޔާބުކޮށްފިއެވެ.
ފޭދޫ އަވަށުއޮފީހުގެ ޑިރެކްޓަރ އަހުމަދު ރަޝީދާއި އައްޑޫސިޓީ ކައުންސިލްގެ އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ އާމިނަތު އަރުމީޝާ ޝަރަފްވެރިކޮށްދެއްވި މިމެޗް ޗެލެންޖާސް ކާމިޔާބުކުރީ ޓީމް އެވަގްރީންއާއި ބައްދަލުކޮށް 3 ސެޓު 1 ސެޓުންނެވެ.
މިމެޗް ޗެލެންޖާސް ކާމިޔާބުކޮށްފައިވަނީ މިމެޗްގެ ފުރަތަމަ ސެޓް 25-20 އިން އެވްގްރީން ހޯދާފައިވަނިކޮށް ފަހުން ކުޅެވުނު 3 ސެޓް ހޯދައިގެންގެނެވެ،
ޗެލެންޖާސް މިމެޗްގެ ދެވަނަސެޓް ހޯދާފައިވަނީ 25 – 22 އިން އިންނެވެ. ތިންވަނަ ސެޓް ޗެލެންޖާސް ހޯދީ 25-18 އިންނެވެ. އަދި 4 ވަނަ ސެޓްވެސް ޗެލެންޖާސް ހޯދީ 25-18 އިންނެވެ.
މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ޗެލެންޖާސްގެ ފާތުމަތު ރިޒްނާ ހޮވިފައިވާއިރު މިމެޗްގެ މޭންއޮފްދަމެޗަކަށް ހޮވިފައިވަނީވެސް ޓީމް ޗެލެންޖާސްގެ މަނޯޖެވެ.
މިމުބާރާތުގައި ރޭ ކުޅެވުނު މެޗާއެކު ޖުމްލަ 8 މެޗް ކުޅެވިފައިވާއިރު ތިންމެޗުން 7 ޕޮއިންޓް ލިބިގެން ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި އޮތީ ޗެލެންޖާސްއެވެ.
ދެމެޗުން 5 ޕޮއިންޓް ލިބިގެން ޓަފްސިކްއަށް 2 ވަނަ ލިބޭއިރު 3 މެޗުން 5 ޕޮއިންޓް ލިބިގެން 3 ވަނަ ލިބެނީ ލިޓަސްއަށެވެ. ދެމެޗުން 3 ޕޮއިންޓް ލިބިގެން 4 ވަނަ ލިބެނީ ޓީމް ގަރާޖަށެވެ. 2 މެޗުން އަލްފައިން ލިބިފައިވަނީ 2 ޕޮއިންޓެވެ. އަދި 4 މެޗުން އެވަގްރީންއަށް ލިބިފައިވަނީވެސް 2 ޕޮއިންޓެވެ.
ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ މިމުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.
ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.