އަންނަ އަހަރު ދިރާސީ އާ އަހަރާއެކު 25 ސްކޫލެއްގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ހަމަޖެހިފައިވާއިރު އޭގެ ނަތީޖާއަށް ބެލުމަށްފަހު ދެވަނަ ޓާމްގައި ހުރިހާ ސްކޫލެއްގައި ނާސްތާ ލިބޭނެގޮތް ހަމަޖައްސާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ވިދާޅުވެއްޖެއެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޕްރޮގްރާމް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ 25 ސްކޫލެއްގައެވެ.
ނާސްތާ ދޭން ފެށުމާ ގުޅޭގޮތުން ބެލެނިވެރިންނާއި އާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވިދާޅުވީ ކުދިންނަށް ފޯރުކޮށްދޭ ނާސްތާއަކީ އެންމެ ރަނގަޅު ރައްކާތެރި ނާސްތާއަށް ހެދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރައްވާނެކަމަށާއި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ދަރިވަރުންގެ ސިއްހީ މައުލޫމާތާއި އެނޫންވެސް އެކި މައުލޫމާތު ސްކޫލްތައް މެދުވެރިކޮށް ބަލަމުންދާނެ ކަމަށެވެ.
މީގެ އިތުރުން ދަރިވަރުންނަށް ދެ ކާނާއަކީ ރައްކާތެރި ތާޒާ ކާނާތޯ ކަށަވަރުކުރާނެ ކަމަށާއި އެ ކާނާ ތައްޔާރުކުރާ ތަނަކީ އެޗްޕީއޭ އިން ހުއްދަލިބިގެން ހިންގާ ސާފުތާހިރު ތަންތަންތޯ ކަށަވަރުކުރާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނި ވިދާޅުވެފަ އެވެ.
މި ޕްރޮޖެކްޓްގެ ދަށުން ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމަށް މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން މިހާތަނަށް މާލޭގެ 4 ސްކޫލަކާއި އަތޮޅުތެރޭގެ 18 ސްކޫލަކުން ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.