ސަރުކާރުން ފުޓްބޯޅައަށް ކުރާ ހޭދައަށް އެފްއޭއެމުން އިހުމާލު ވެފައި ނުވާނެކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ. އެފްއޭއެމުން މިހެން ބުނެފައިވަނީ ރާއްޖޭގެ ކްލަބްތައް އޭއެފްސީ ކަޕްގައި ބައިވެރި ނުވެވޭ މައްސަލާގައި އެއިދާރާއާއި ކުޅިވަރާއިބެހޭ ވުޒާރާއާއި ދެމެދު ނުސީކޮށް ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންދާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގެ ކްލަބްތައް އޭއެފްސީ ކަޕްގައި ބައިވެރި ނުވެވޭ މައްސަލަ ބެލުމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފު ޚާއްސަ ކޮމިޓީއެއް އެކުލަވާލުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުވަނީ މަހުލޫފާ ބައްދަލުކުރައްވާފައެވެ.
އަދި އޭގެ ފަހުން އޭއެފްސީގައި މިކަމުގެ ލަފައަކަށް އެފްއޭއެމުން އެދުމުން އެއިދާރާއިންވަނީ އެފްއޭއެމްގެ މަސްލަހަތު ހިމެނޭ އެއްވެސް މައްސަލައިގެ ތެރެއަށް ތިންވަނަ ފަރާތަކަށް ނުވަދެވޭނެކަމަށާ އެމައްސަލަ ޔޫތުމިސްޓްރީން ބަލާނަމަ އެއިދާރާއިން އެކަން ބަލާ ވިލަރެސް ކުރާނެކަމަށް ބުނެފައެވެ. އެއާއެކު މިނިސްޓަރ މަހުލޫފުވަނީ ފެކްޓް ފައިންޑިންގ ކޮމިޓީން ބަލާނީ ސަރުކާރުން ފުޓްބޯޅައަށްކުރާ ޚަދަރުތަކަށް ވީގޮތްކަމަށާ އެފްއޭއެމްގެ މަސްލަހަތު ހިމެނޭކަމެއްގެ ތެރެއަށް މިނިސްޓްރީން ނުވަންނާނެކަމަށް ވިދާޅުވެފައެވެ. ކަން މިހެން ވެފައިވަނިކޮށް އެފްއޭއެމުންވަނީ އަނެއްކާވެސް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި އެފްއޭއެމުން ބުނެފައިވަނީ އޭއެފްސީކަޕުން ރާއްޖޭގެ ކްލަބްތަކަށް ޖާގަ ނުލިބުމުގެ މައްސަލަ ބަލާ ހައްލުކުރަންޖެހޭ ކަންކަން ބެލުމަށް ޚާއްސަ ޓީމެއް އެކުލަވާލެވުނުކަމަށް ވިދާޅުވުމަށްފަހު މިހާރު އެކޮމިޓީން ބަލާނީ ސަރުކާރުން ފުޓްބޯޅައަށް ކުރާ ޚަރަދަށް ވީގޮތެއްކަމަށް ޔޫތު މިނިސްޓްރީން ބުނުމުން އެފްއޭއެމްއަށް ކުއްލި ސިހުމެއް ލިބުނު ކަމަށް ހާމަކޮށްފައެވެ.
އެފްއޭއެމްއިން ހާމަކޮށްފައިވާގޮތުން އެއިދާރާއަކީ މީރާގެ އޭގްރޭޑްގެ އޮޑިޓުން ލައްވާ ކޮންމެ އަހަރަކު އޮޑިޓްކޮށް އަހަރީ އާއްމުޖަލްސާގައި އޮޑިޓް ރިޕޯޓާއި ބަޖެޓް ހުށަހަޅާ ފާސްކުރުމަށްފަހު ގައިވައިދުން މިނިސްޓްރީ އަށް ފޮނުވާ އިދާރާއެއްކަމަށް ބުނެފައެވެ.
އަދި މީގެ އިތުރުން ކޮންމެ އަހަރަކު ފީފާއާއި އޭއެފްސީގެ އިންޓަނޭޝަނަލް ފެންވަރުގެ އޮޑިޓަރުންލައްވާ އަހަރަކު އެއްފަހަރު އޮޑިޓް ކުރުމުގެ އިތުރުން ސަޕްރައިޒިން އޮޑިޓްޓީމް ޒިޔާރަތްކޮށް އޮޑިޓްކުރާ އިދާރާއެއްކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. އެހެންކަމުން ރަށްޔިތުންނަށް އޮޅޭގޮތައް ސޯޝަލް މީޑިއާގައި ހާމަ ކުރައްވާ މައުލޫމާތުތައް މިއަށްވުރެ ޒިންމާދާރުކަމާއެކު ހާމަ ކުރެއްވުމަށް އެދޭކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.