ޔާމީން ފުލުހަށް ހާޒިރުކުރަނީ އިންޑިއާއި ދެމެދު ހެދި ޑީލްތަކުގެ ފޯކަސް ގެއްލުވާލަން – އަބްދުއްރަހީމް

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފުލުހަށް ހާޒިރު ކުރަނީ އިންޑިއާއި ދެމެދު ހެދި ޑީލްގެ ފޯކަސް ގެއްލުވާލަންކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން އެޕާޓީގެ އޮފިހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބްރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އިންޑިއާއި މިސަރުކާރުން ވެފައިވާ އެއްބަސް ވުންތަކާއި އެހިންގަން އުޅޭކަންކަން ރަށްޔިތުންގެ ސަމާލުކަމަށް އައިސްދާނެތީ ރަށްޔިތުންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލުމަށްކަމަށެވެ.

އަދި ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ހައްޔަރުކުރަން މަސައްކަތްކުރަނީ އެސަބަބާ ގުޅިގެންކަމަށާ އެކަންކަން ކުރުމަށް ދިވެހި ރަށްޔިތުން ފުރުސަތު ނުދޭނެކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ފަހަތަށް ނުޖެހޭކަމަށާ ޕީޕީއެމް އޮތީ ވީއެއްޗެއްވާން ރައީސް ޔާމީނާއެކުގައިކަމަށެވެ. އަދި ހައްޔަރުކޮށްފާނެތީ އަދި ފުލުހަށް ހާޒިރުކޮށްފާނެތީ ބިރު ނުގަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 2:00 އަށެވެ. ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ޔާމީނުގެ އަމިއްލަފުޅު އެކަނއުންޓަށް ފަައިސާތަކެއް ޖަމާކުރި މައްސަލާގައެވެ. ފުލުހުންގެ އިދާރާއިން އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސެއްގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ރައީސް ޔާމީން ހިންގަވާފައިވާކަމަށް ތުހުމަތު ކުރެވޭތީ ދައުލަތުގެ މާލީ އިދާރާތަކުން ފުލުހަށް މައްސަލަތަކެއް ހުށަހަޅާފައިވާކަމަށެވެ. އެހެންވެ އެމައްސަލަތައް ތަހުގީގު ކުރަމުން އަންނަކަމަށާ އެކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުސް އޮފީހުން އަޅަމުންއަންނަކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

Next: “ރަށްފެހި ޕްރޮގްރާމް” ނަލަފެހި ޖަމްއިއްޔާއިން މީދޫގައި ގަސް އިންދުމުގެ ޙަރަކާތެއް ބާއްވައިފި