ކޮޕް 24 ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ނަޝީދު ފުރާވަޑައިގެންފި

އދ.އިން އިސްނަގައިގެން ބާއްވާ،  ކޮޕް 24 ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް   ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕޮލެންޑަށް ފުރާވަޑައިގެންފިއެވެ.

ކޮންފަރެންސް އޮފް ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް، ކޮޕް24 ގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

އދ.އިން ބާއްވާ މި ކޮންފަރެންސްގައި ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމުން ބައިވާނެއެވެ. ކޮޕް24 އަކީ، މޫސުމަށް އަންނަ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި ޤައުމުތަކުގެ އެންމެ އިސް ލީޑަރުން ބައިވެރިވެވަޑައިގަންވާ ބައްދަލުވުމެކެވެ. މިފަހަރުގެ ކޮންފަރެންސްގައި ސަރުކާރުގެ ފަރާތުން ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާއިރު، 2009 ވަނަ އަހަރު ބޭއްވި ކޮޕް15 ގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވަނީ ދުނިޔޭގެ ވަރަށް ބޮޑު ސަމާލުކަމެއް ހޯއްދަވާފައެވެ.

އަދި އެމަނިކުފާނު ވަނީ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އަޑު އުފުލާ ލީޑަރެއްގެ ގޮތުގައި ދުނިޔޭގެ ސަމާލުކަންވެސް ހޯއްދަވާފައެވެ.

Next: މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 160 އާއިލާއަކުން އެހީތެރިކަމަށް އެދިފައިވޭ – ރައީސް