4 ލީޑަރުން ސޮއިކުރި އެއްވެސް އެއްބަސް ވުމެއް ނެތް- ރައީސް ސޯލިހުގެ ސްޕޯކްސްޕާސަން

4 ލީޑަރުން ސޮއިކުރި އެއްވެސް  އެއްބަސް ވުމެއް ނެތްކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ކަށަވަރުކޮށްދެއްވައިފިއެވެ.

ސަރުކާރު އެކުލެވުމަށާ  މަޖިލިހުގެ ގޮޑިތައް ބެހުމާ ގުޅޭ އެއްވެސް އެއްބަސްވުމެއް އެކުލަވާލާފައިވޭތޯ ސަންގުޓީވީން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވީ 4 ލީޑަރުން ސޮއިކުރެއްވި އެއްވެސް އެއްބަސްވުމެއް ނެތްކަމަށެވެ.

އެހެންނަމަވެސް އެއްބަސްވުންތަކެއް ޕާޓީތަކުގެ މެދުގައި ވެވިފައި އެބަހުރިކަމަށާ އޭގެތެރޭގައި އަނގަބހުންވެވިފައިވާ އެއްބަސްވުންތައްވެސް އެބަހުރިކަމަށް ހޫދު ވިދާޅުވިއެވެ. އެކަމަކު އެކަމުގެ އިތުރު ތަފްސީލެއް ހޫދު ހާމަކުރައްވާފައިނުވެއެވެ.

ހޫދު މިހެން ވިދާޅުވިއިރު އެމްޑީޕީން މަޖިލިހުގެ ހުރިހާ ގޮޑިއަކަށް ކުރިމަތިލާން ނިންމީ 4 ލީޑަރުންގެ އެއްބަސްވުމާއި ޚިލާފަށްކަމަށް ބުނެ އެކަމަށްވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ.

އެމްޑީޕީން މަޖިލިހުގެ ގޮޑިތަކަށް ވާދަކުރުމާއި ބެހޭގޮތުން ގޮތެއް ނިންމުމަށް އެޕާޓީގެ ގައުމީ މަޖިލިހުން ރޭ ބޭއްވި ޖަލްސާއަށް ރައީސް ސޯލިހު ވަޑައިގެންފައި ނުވެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިހުގެ ޖަލްސާއަށް ރޭ  ރައީސް ސޯލިހުއަށް ވަޑައި ނުގެންނެވުނީ އެމަނިކުފާނުގެ މަސައްކަތްތައް ތާވަލްކުރެވިފައިހުރި ގޮތުންކަމަށެވެ.

Next: ސައުތް އެފްރިކަން އެއަރލައިންސްގެ ދަތުރުތައް އައްޑޫ ސިޓީ ގަމަށް ފެށުން