މަރުގެ އަދަބު ނުދޭނެ ކަމަށް ސަރުކާރުން ބުނެފި

ރާއްޖޭގައި މަރުގެ އަދަބު ނުދޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން 27 ނޮވެމަބަރ 2018 ވަނަ ދުވަހު ކުރ ިޓްވީޓެއްގައި ބުނީ، ރާއްޖޭގައި މަރުގެ އަދަބު ދިނުން މީގެ 65 އަހަރު ކުރިން ހުއްޓާލާފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށެވެ.

އޭގެ އިތުރުން އދ.ގެ އާންމު މަޖިލީހުގައި ވޯޓަށް އަހަން ތައްޔާރުވެފައިވާ، މަރުގެ ހުކުމް މަނާކުރުމުގެ ރިޒޮލިއުޝަނަށް ރާއްޖޭން ވޯޓު ދޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 27 ނޮވެމަބަރ 2018 ވަނަ ދުވަހު ސްވިޒަލޭންޑްގައި ބޭއްވި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ބައްދަލުވުމުގައި ރާއްޖޭން ވަނީ “މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ”ގެ ނަން ދީފައިވާ ރިޒޮލިއުޝަނާ އެއްކޮޅަށް ވޯޓް ދީފަ އެވެ.


މަރުގެ އަދަބު ތަންފީޒު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން މަސައްކަތް ކުރި އެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ވެސް މާފުށީ ޖަލުގައި ގާއިމް ކުރި އެވެ. އަދި މަރުގެ އަދަބު ދޭނީ ލީތަލް އިންޖެކްޝަން ޖަހައިގެން ކަމަށް ނިންމައި، އެކަމާ ގުޅިގެން ގާނޫނުތަކާ ގަވާއިދު ތަކަށް ބަދަލު ގެނައުމުގެ މަސައްކަތްތައް ވެސް އޭރުގެ ސަރުކާރުން ކުރި އެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރު ނިމިގެން ދިޔައިރު އެ އަދަބު ތަންފީޒު ކޮށްފައެއް ނުވެ އެވެ.

ކުރިގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރަން މަސައްކަތް ފެށުމުން ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ރާއްޖެ އަށް އަމާޒުވި އެވެ. އެގޮތުން އދ. އާއި އީޔޫ ފަދަ ބޮޑެތި ޖަމާއަތްތަކުގެ ފާޑުކިޔުމާއި ފިއްތުންތަށް ވެސް އޭރުގެ ސަރުކާރަށް ކުރިމަތިވި އެވެ.

މަރުގެ އަދަބު ތަންފީޒު ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބުނި އިރު، މަރުގެ އަދަބު ދިނުމަށް ޝަރުއީ މަރުހަލާތަށް ނިމިފައި ތިން މީހަކު މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީ މަރާލިކަން ހުރިހާ ކޯޓުތަކަކުން ވެސް ސާބިތުވެފައިވާ ހުސައިން ހުމާމް އާއި ވަކީލު އަހްމަދު ނަޖީބް މަރާލި ކަން ސާބިތުވި އަހްމަދުގެ މުއްރަތުގެ އިތުރުން ސ. ހުޅުދޫ، ލިލީމާގޭ އަބްދުﷲ ފަރުހާދުގެ ގާތިލު މުހައްމަދު ނަބީލެވެ

Next: ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާ އިން ދެނީ