ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ – ސައީދު

ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި، ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ކުރިއެރުމެއް ނުހިފެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިއްޔެ އެމްޑީޕީން ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިއަކު އެމަނިކުފާނުގެ ރިޔާސީ ދައުރާ ގުޅިގެން އެހި ސުވާލަކަށް އިބޫއަށް ސާފު ޖަވާބު ނުދެވުމުން އެކަމަށް ރައްދު ދެއްވާ މިނިސްޓަރ ސައީދު ވިދާޅުވީ، އެއީ ހައްތަހާވެސް އިބޫއަށް ސާފު ޖަވާބު ނުދެވޭނެ ކަންކަން ކަމަށެވެ. އިބޫއަށް ނިސްބަތް ކުރައްވާ ސައީދު ވިދާޅުވީ ގައުމު ދެކޭ ތަރައްގީއާ ބީރައްޓެހި އަދި ސަރުކާރު ހިންގުމުގެ ތަޖުރިބާއެއް ނެތް ކެންޑިޑޭޓަކަށް ރާއްޖެ މިހާރު މިދެކޭ ކުރިއެރުމެއް ނުހިފެހެއްޓޭނެ ކަމަށެވެ.

ދޮޅުއަހަރުގެ ވެރިއަކަށް ގައުމުގެ ހުންގާނު ދޫކޮށްލުމަކީ، ގައުމަށް މިހާރު އަންނަ ތަރައްގީ އަނެއްކާ ވެސް ގެއްލިގެން ގޮސް ގައުމު މާފަހަތަށް ސޮއްސާލައިގެން ދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިޔާ ސުވާލުކުރީ، މްޑީޕީގެ މެނިފެސްޓޯ ފުރަތަމަ އިއުލާން ކުރިއިރު އިބޫގެ ވެރިކަމަކީ 2.5 އަހަރުގެ އިންތިގާލީ ވެރިކަމެއް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް ބޭފުޅުން ވަނީ އިބޫއަށް ފަސް އަހަރުގެ ދައުރެއް ދިނުމަށް ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައިވާތީ އެކަމާ ގުޅިގެންނެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ފަސް އަހަރުގެ ދައުރުގެ މައްސަލާގައި އިބޫ ވިދާޅުވަނީ ފަސް އަހަރަށް ބަދަލެއް ގެންނަނަމަ އެކަން ކުރެވެން އޮތީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެނޫން ގޮތަކަށް އެކަން ކުރެވެން ނެތް ކަމަށެވެ. ދައުރު ކުރުކުރުމަށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން އެއްބަސްވެވަޑައިގަންނަވާނަންތޯ ސުވާލުކުރުމުން އިބޫ އެއަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އިބޫ ވިދާޅުވީ، ވެރިކަމުގެ ނިޒާމް ހަރުދަނާ ކުރުމަށް ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. ރިޔާސީ ނިޒާމް ކަމަށްވީ ނަމަވެސް މިހާރު އޮތް ގޮތުން ވެރިކަން ކުރުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

އިބޫ ވިދާޅުވަނީ ފަސްއަހަރުގެ ދައުރާ މެދު އުފެދިފައިވާ ސުވާލެއް އިިދިކޮޅު ކޯލިޝަނުން ނެރޭ މެނިފެސްޓޯއިން ހައްލު ލިބޭނެ ކަމަށެވެ. އެ މެނިފެސްޓޯ ދެ ތިން ދުވަހެއްގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

 

Next: ސިޓީ ކައުންސިލްތަކުގެ ބާރު ސަރުކާރުން ނަގަން ޖެހުނީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކުގައި ދަތިތަކެއް ހުރުމުން – ރައީސް