މޫސުމް ގޯސްވެ އުދައަރާފާނެ ކަމުގެ އިންޒާރު މެޓުން ދީފި

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އުދަ އަރާފާނެކަމުގެ އިންޒާރު ދީފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި  ހާމަކުރައްވާފައިވާގޮތުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.

އަދި މިހާރު ރާއްޖެއަށް ކުރަމުންދާ މިވިއްސާރައިގައި  ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފައިވެއެވެ.

މިއަދު އުތުރުގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ 14:01 ގައެވެ. މެދުތެރޭގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ 15:04 ގައެވެ. ދެކުނުގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ 15:48 ގައެވެ. މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ހުރިހާ ހިސާބެއްގައިވެސް ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ހާމަ ކޮށްފައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ގދ.އަތޮޅުން ފެށިގެން ހއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައި ވަނީ މިއަދު 17:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަކީ މިސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފްއިންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

 

Next: ނަގޫރޯޅިއެއް އަރައި ދ. ބަނޑިރޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ