ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ހޯދުމަށް ފުލުހުންނަށް އެންމެ ބޮޑަށް ބާރުއެޅުއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވަހީދު މީޑީޔާއަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރިޟުވާން ގެއްލުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ހިސާބުން އެ މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ ތަހުގީގު ޓީމްތަކެއް އެކުލަވައިލި ކަމަށެވެ.
އަދި ތަހުގީގު ޓީމުގައި ހިމަނާފައިވާނީ ފުލުހުންގެ ތެރޭގައި ތިބި ތަހުގީގު ކުރުމުގެ ރޮގުން އެންމެ ގާބިލު ފުލުހުން ކަމަށާއި އެ ޓީމުން ރިޟުވާން ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރިކަންވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ރިޟުވާން ގެއްލުނު މައްސަލަ ތަހުގީގު ކުރަމުން ދިޔައީ ޚުދު އޭނާގެ އަމިއްލަ ބެލުމުގެ ދަށުންކަން ވިދާޅުވަމުން ވަހީދު އިތުރަށް ވިދާޅުވީ، އެ މައްސަލައިގެ އެންމެ އަޑިއަށް ވާސިލްވުމަށްޓަކައި މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
ހުސައިން ވަހީދު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގަށް ސަރުކާރުގެ ތެރެއިން ހޯދަން ބޭނުންވާ މައުލޫމާތުތައް ފުލުހުންނަށް ފޯރުކޮށްދިނުމުގައި ރައީސް ޔާމީން ފަސޭހަ ގޮތްތަކެއް ހަމަޖެއްސެވި ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ސްޕީޑު ދަށްކޮށްލުމަށް ނުވަތަ އެ މައްސަލައިގެ ތަހުގީގުގައި ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލުމަށް ރައީސް ޔާމީން އަންގަވާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަބަދުވެސް ރައީސް ޔާމީން އިރުޝާދު ދެއްވީ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގެ ސްޕީޑު އަވަސްކޮށް، މައްސަލަތަކުގެ އަސްލު ހޯދުމަށް ކަމަށްވެސް ވަހީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އެގޮތުން ރިޟްވާންގެ މައްސަލައިގެ ތަޙްޤީގު އެންމެ ބާރަށް ކުރިއަށް ދިޔަ ދުވަސްވަރު ބައެއް ރޭ ރޭ، އެ ތަޙްޤީގުތައް ނިމެންދެން ރައީސް ޔާމީން އަވަހާރަފުޅުވެސް ނުލައްޕަވާ އެކަމެް ނިމެންދެން ހުންނަވާކަން ވެސް ވަހީދު ވަނީ ފާހަގަކުރައްވާފައެވެ.
ރިޟުވާން ގެއްލުނު މައްސަލައާ ގުޅޭގޮތުން އެކި ފަރާތްތަކުން މީޑިއާގައި ދައްކަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ މައްސަލަ ސިޔާސީ ނުކުރުމަށް އެދޭ ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވަނީ 2014 އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރެއެވެ.