ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ޒުވާނާ މަރުވެއްޖެ

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ މުހައްމަދު ޖަޒްލާން ނަމަކަށްކިޔާ ޒުވާނެކެވެ.

މި ޒުވާނާ ނިޔާވެފައިވަނީ ހުޅުމާލޭ ފިތުރޯނު މަގުގައި، ލަގްޒަރީ ފްލެޓްތަކެއް އިމާރާތްކުރާ ސައިޓަކުން ފެން ބޭރުކުރަން މަގު ހުރަސްކޮށް އަޅާފައި އޮންނަ ހޮޅިތައް ފޮރުވަން ސިމެންތިން އުސްކޮށް ހަދާފައި އޮތް ބަމްޕަރެއްގެ މަތިން ކައްސާލައިގެން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން އަންނަނިކޮށެވެ.

މަންޒަރުދުށް ބައެއް މީހުންނާ ހަވާލާދީ މީޑީއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީގައި ވަޒީފާ އަދަކުރަމުން ދިޔަ މި ޒުވާނާ ދުއްވި ސައިކަލް ބަމްޕަރުގައި ޖެހުމުން އޭނާ ގޮސް ވެއްޓުނީ ވަރަށް ދުރަށެވެ. އަދި އެ ވަގުތުން ފެށިގެން ވެސް އޭނާގެ ހަރަކާތެއް ނެތް ކަމަށް މަންޒަރު ދުށް ބައެއް މީހުންނާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 09:00 ހާއިރުގައި އެވެ. އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ މަރުވެފައިވަނީ  ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު  ހާލު ސީރިއަސް ވުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް އެތަނުން ފަރުވާ ދެމުން ދަނިކޮށެވެ.

Next: އިތުރު ދައުރެއް ދެއްވައިފިނަމަ ރައީސް ޔާމީން ވާނީ ދުނިޔޭގެ ވަރުގަދަ ޝަޙްސިއްޔަތަކަށް – މިނިސްޓަރ ސަޢީދު